9 އަހަރަށް ދިގުލާ ގޮސްފައި ވާ ހަނގުރާމައެއް ކުރަމުން ދާ ސޫރިޔާގެ ސަރުކާރުން، ރޭޕް ކުރުމާއި، ލާއިންސާނީ އަނިޔާ ދިނުމާ، މީހުން މެރުން ފަދަ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް އަދިވެސް ހިންގަމުން އަންނަ ކަމަށް އދގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ތަހުގީގު ޓީމުން ބުނެފިއެވެ.

މީގެ އިތުރުން، ތުރުކީވިލާތުގެ އެއްބާރުލުމާއެކު ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން ހަނގުރާމައިގެ ޖަރީމާއާއި އެއް ދަރަޖައެއްގައި ގުނޭ ފަދަ އަމަލުތަކެއް ހިންގަމުން އަންނަ ކަން ފާހަގަކޮށް، ތަހުގީގު ޓީމުން ވަނީ މިކަން ހުއްޓުވުމަށް ތުރުކީވިލާތުގެ ސަރުކާރުގެ އެހީއަށްވެސް އެދިފައެވެ.

ކޮމިޝަން އޮފް އިންކުއަރީ އޮން ސީރިއާއިން އާންމުކުރި 21 ވަނަ ރިޕޯޓު އެކުލަވާލާފައި ވަނީ 538 އިންޓަވިއުއަކާ، ކިތާބީ ހެކީގެ އިތުރުން ސެޓެލައިޓް ފޮޓޯގެ އިތުރުން އަދިވެސް އެފަދަ ހެކީގެ މައްޗަށް ބިނާކޮށެވެ. މި ރިޕޯޓުގައި ހިމަނާފައިވަނީ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ހަމަލާ ބަދަލުކުރުންތައް މަޑުޖައްސާލާފައި އޮތް މުއްދަތު ނުވަތަ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މުހުލަތުގެ ވާހަކަތަކެވެ.

2011 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުން އަންނަ ސޫރިޔާގައި ރޭޕް ކުރުމާއި، މީހުން މެރުމުގެ ޖަރީމާތައް ހުރިހާ ފަރާތަކުން ހިންގަމުން އަންނަކަން އދގެ އިންކުއަރީ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ، ފައިސާގެ އަގު ވެއްޓުމާ، އިގުތިސޯދީ ކާރިސާއަކީވެސް މިއަދު ސޫރިޔާގެ މަސްރަހަށް ކުރިމަތިވެފައިވާ ތޫފާނުގައި ގަދަވަމުންދާ ކޮޅިގަނޑުތަކެވެ.

މިހުރިހާ ކަމެއްގެ އިތުރުން، އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންވެސް ސޫރިޔާއަށް ތަކުލީފުތަކާ ކުރިމަތިވާކަން ފާހަގަކޮށް، ތަހުގީގު ޕެނަލުން ވަނީ މި ފިޔަވަޅުތަކަށް ދޫ ދިނުމަށް ގޮވާލައްވާލާފައެވެ. މީގެ އިތުރުން، ސޫރިޔާއަށް އަތްގަދަ ކުރި ހައްދުފަހަނައަޅާފައިވާ އައިސިސްގެ ހަނގުރާމަވެރިންނާ ގުޅުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސޫރިޔާއަށް ދަތުރުކުރި މީހުން ނިސްބަތްވާ ގައުމުތަކުން، އެ ގައުމުތަކުގެ ރައްޔިތުން ބަލައިގަތުމަށްވެސް އދގެ އެއްބާރުލުން ލިބިފައިވާ ޕެނަލުން ވަނީ ގޮވާލާފައެވެ.