ރޭޕް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުން، އާންމުންގެ ކުރިމައްޗަށް ނެރެ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނުވަތަ އެމީހުންގެ ހަށިގަނޑުގައި ކެމިކަލް ކާސްޓްރޭޝަން ޕްރޮސީޖާ ހެދުމަށް އެދިވަޑައިގަންނަވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

މިފަދަ މޭރުމަކުން އިމްރާން ވާހަކަފުޅު ދައްކަވާފައި މިވަނީ ޕާކިސްތާނުގެ ހައިވޭއެއްގައި ދާދިފަހުން އަންހެނަކު ރޭޕްކުރި މައްސަލާގައި، އެގައުމުގެ އާންމު މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެކަމާ ބެހޭ ގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނިމިދިޔަ ހަފުތާގައި ހިނގާދިޔަ ހާދިސާގައި ރޭޕްގެ ޝިކާރައަކަށްވީ 2 ދަރިންގެ މަންމައެކެވެ. ލާހޯރްއާ ހިސާބުން ކާރުގައި ދުއްވާފައި ދަނިކޮށް 2 މީހަކު އޭނާ ކާރުން ބާލާ، ރޭޕް ކުރީ ބަޑިޖައްސައިގެންނެވެ. މި ޖަރީމާ ހިންގި މީހުންގެ ތެރެއިން އެކަކު ވަނީ ހޯމަ ދުވަހު ހައްޔަރުކޮށްފައެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. ޑީއެންއޭ ސާމްޕަލްވެސް ދިމާވެފައި ވާއިރު، ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ 2 ވަނަ މީހާ ހޯދަމުންނެވެ.

ޣައިރު ގާނޫނީ ކައިވެނީގެ އަޅުންގެ ގޮތުގައި ޗައިނާއަށް ގިނައިން ގެންގޮސްފައިވަނީ ޕާކިސްތާނުގައި ދިރިއުޅޭ ނަސޯރާ ދީނުގެ ކުދިން/ފޮޓޯ: ޕައޮނިއާ

އިމްރާން ވިދާޅުވީ ޕާކިސްތާނުގައި ހިންގާ "ޖިންސީ ޖަރީމާތައް" އިތުރުވަމުންދާކަން ފުލުހުންގެ ފަރާތުން އެނގިވަޑައިގެންފައި ވާ ކަމަށާ، އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

ރޭޕް ކުރާ މީހުން އާންމު ދަނެއްގައި ދަންޖައްސަން އެދިވަޑައިގަންނަވާ ކަމަށާ، އެކަމަކީ ކުޑަކުދިން ރޭޕްކުރާ މީހުންގެ މައްޗަށް ތަންފީޒު ކުރަންޖެހޭނެ ކަމެއް ކަމަށްވެސް އިމްރާޏް ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީހުގައިވެސް މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާ، ނަމަވެސް، މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވިލާތުގެ އިއްތިހާދުން ޕާކިސްތާނަށް ދޫކޮށްފައިވާ ވިޔަފާރީގެ ރޭންކަށްވެސް ނުރައްކާވެދާނެ ކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، މިފަދަ ޖަރީމާތައް ހިންގާ މީހުންނަށް ތާއަބަދަށް ދަރިން ނުލިބޭ ގޮތް ހެދުމަށް ޕާކިސްތާނަށް އާ ގާނޫނުތަކެއް ބޭނުން ވެފައިވާކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ދެން އޮތް ގޮތަކީ ކެމިކަލް ޑްރަގް ދީގެން ރޭޕިސްޓުންގެ ވަހުޝީ އެދުންތައް ކަނޑުވާލުން ނުވަތަ ސާޖަރީ ހަދައިގެން ޖިންސީ އެދުންވެރިކަން ކަނޑުވާލުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. މިއީ އެކި ގައުމުތަކުގައި މިހާރުވެސް އަމަލު ކުރަމުންދާ ގޮތެކެވެ.

ގާތިލުންނަށް ހުކުމް އިއްވުމުގައިވެސް ދަރަޖަތަކެއް ގެންގުޅޭ ފަދައިން، ރޭޕިސްޓުންނަށް ހުކުމް އިއްވުމުގައިވެސް މިފަދަ އުސޫލެއް ގެންގުޅުމަށް އިމްރާން ވަނީ ވަކާލާތު ކުރައްވާފައެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ޖިންސީ ޖަރީމާ ހިންގާ ކުށްވެރިންނާ، ކުޑަކުދިން މަރާ ގާތިލުންގެ މައްޗަށް އާންމު ތަނެއްގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބިލެއް ހުށަހަޅުއްވާފައެވެ. ނަމަވެސް، މިއަހަރުގެ ފެބުރުވަރީ މަހު ހުށަހެޅި މި ބިލު ފާސްވާ ގޮތެއް ނުވިއެވެ.