ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އެހެން ބުނެފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށްފަހުގައެވެ.
އެގޮތުން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ ގްރައުންޑް ބްރޭކިން ނުވަތަ ބިންގާ އެޅުން މިއަހަރުގެ ނޮވެމްބަރުގައި ބާއްވަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރުމަށް ނިންމާފައިވާއިރު އިންޑިއާ އާއި ރައްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާނެ އެއް ޕްރޮޖެކްޓަކީ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާ އާއި ރާއްޖެއިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެކަން ކުރަން ނިންމާފައިވާކަން މީގެ ކުރިން އެމަނިކުފާނުގެ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.