މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަކީ ޗައިނާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން، އެގައުމުގެ ވޫހާން ސިޓީގެ ލެބެއްގައި އުފައްދާފައިވާ އެއްޗެއް ކަމަށް، ޗައިނާގެ ވައިރޮލޮޖިސްޓަކު ވަކާލާތު ކޮށްފިއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފަށާފައި ވަނީ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ހިންގަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުންނެވެ. އޭރުވެސް ގިނަ ބަޔަކު ދިޔައީ މިއީ ޗައިނާގެ އުފެއްދުމެއް ކަމަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް ޗައިނާގެ ސަރުކާރުން ވަނީ މި ތުހުމަތުތަކަށް، ތަކުރާރުކޮށް އިންކާރުކޮށްފައެވެ. ނަމަވެސް، ޗައިނާގެ ވައިރޮލޮޖިސްޓަކު މި ކުރި އާދަޔާ ހިލާފު ދައުވާއަށް އޭނާ ވަނީ ސައެންސްގެ އަލީގައި ހެކިވެސް ދައްކާފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

އިނގިރޭސިވިލާތުގެ ޓޯކްޝޯއެއް ކަމަށްވާ "ލޫޒް ވިމެން"އާއި ވާހަކަދައްކަމުން، ޗައިނާގެ ސައެންސްވެރިޔާ ޑރ ލީ-މެންގް ޔާން ބުނީ، ވޫހާންގައި "އަލަށް ފެތުރެމުންދިޔަ ނިއުމޯނިއާ" އާ ގުޅޭ ދިރާސާތައް ކުރުމަށް އޭނާއާއި ހަވާލުކުރި ކަމަށެވެ. އޭނާ ކުރި ތަހުގީގުތަކުން، ކަމެއް ފޮރުވުމުގެ އޮޕަރޭޝަނެއް ފާހަގަވި ކަމަށް ޑރ ޑރ ލީ-މެންގް ޔާން ބުނެއެވެ.

ވައިރޮލޮޖީގެ ރޮނގުން ޑރ ލީ-މެންގް ޔާން ހާއްސަވީ ހޮންގްކޮންގް ސްކޫލް އޮފް ޕަބްލިކް ހެލްތްއިންނެވެ. ޑރ ލީ-މެންގް ޔާން ބުނާ ގޮތުގައި "އަލަށް ފެނުނު ނިއުމޯނިއާގެ ފުރަތަމަ ދިރާސާތައް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި މިއަހަރުގެ ޖަނަވަރީ މަހާ ދެމެދުއެވެ. އަދި ދެވަނަ ތަހުގީގު ހިންގީ ޖަނަވަރީ މަހުގެ މެދަކާ ހިސާބުގައި، ހޮންގްކޮންގް މަގުން އެމެރިކާއަށް ފިލުމުގެ ކުރިން ކަމަށްވެސް ޑރ ލީ-މެންގް ޔާން ބުނެއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެންމަތިވި ޗައިނާގެ ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ ވޯޑުގެ ކުޑަދޮރުގައި މައުލޫމާތުތަކެއް ލިޔެފައި/ފޮޓޯ: އޭއެފްޕީ

ޑރ ލީ-މެންގް ޔާން ބުނި ގޮތުގައި އޭނާއަށް ފާހަގަވި ކަންކަން، އޭނާގެ ސުޕަވައިޒަރާ ހިއްސާކުރުމަށް ނިންމިއެވެ. އޭނާގެ ސުޕަވައިޒަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ކޮންސަލްޓަންޓެކެވެ. ޑަބްލިއުއެޗްއޯއާއި ސުޕަވައިޒަރުގެ ފަރާތުންވެސް އެއްވެސް ވަރެއްގެ އިޖާބައެއް ނުލިބުނު ކަމަށް ޑރ ލީ-މެންގް ޔާން ބުންޏެވެ. އެންމެންވެސް ބުނަމުންދިޔައީ ރަނގަޅު އިން ހުރަސް ނުކޮށް، ހިމޭނުން އިނުމަށް ކަމަށާ، ނޫން ނަމަ އޭނާ "ގެއްލުވާލާނެ ކަމަށް" ކަމަށް ޑރ ލީ-މެންގް ޔާން ބުންޏެވެ.

ކޮވިޑް-19ގެ ހަގީގަތް ފޮރުވުމަށް ޑަބްލިއުއެޗްއޯއިން ޗައިނާއަށް އެހީތެރިވެދިން ކަމަށް ކުރާ ދައުވާއަކީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ އެންމެ ވަރުގަދަ އެއް ދައުވާއެވެ.

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

ޑރ ލީ-މެންގް ޔާން ބުނި ގޮތުގައި އޭނާ ދެން ބައްދަލުކުރީ ޗައިނާގެ ޔޫޓިއުބާއަކާއެވެ. ވައިރަހާ ގުޅޭ ވާހަކަތައް އޭނާ ހާމަކޮށްދިނެވެ. ޗައިނާގެ ވެރިކަން ކުރާ ޕާޓިއިން ކަންތައްތަކެއް ފޮރުވާ ކަމަށާ، އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ވައިރަސް ފެތުރޭކަންވެސް ހާމަކުރިއެވެ. ކޮވިޑް-19 ޖައްސާ ވައިރަހަކީ އަވަހަށް ބަދަލުވާ، ވަރުގަދަ ބަލިމަޑުކަމެއް ފަތުރާލާނެ ވައިރަހެއް ކަމަށާ، އިސާހިތަކު، ވޫހާންއަކީ އަސްކަރީ މަގުސަދެއްގައި ހިންގާ ހަރަކާތްތައް ފޮރުވުމަށް ދޫކޮށްލާ ދުމުގެ ފަރުދާއަކަށް ވެގެންދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ޑރ ލީ-މެންގް ޔާންގެ އެންމެ ވަރުގަދަ އަނެއް ދައުވާއަކީ، ކޮވިޑް-19 ޖައްސާ ވައިރަހަކީ ޗައިނާގެ ސަރުކާރުގެ ކޮންޓްރޯލް އޮތް ލެބެއްގެ އުފެއްދުމެއް ކަމަށް ކުރާ ދައުވާއެވެ. ޑރ ލީ-މެންގް ޔާން ވަކާލާތުކުރާ ގޮތުގައި ކޮވިޑް-19 ޖައްސާ ވައިރަސް ބިނާ ވަނީ ސީސީ45އާއި ޒީއެކްސްސީ41ގެ ނަންދީފައިވާ ނުރަނގަޅު ކޮރޯނާވައިރަސް ހޯދާ، މިލްކުކޮށްފައިވާ ޗައިނާ މިލިޓްރީ އިންސްޓިޓިއުޓްއަށް ކަމަށެވެ. އެއަށް ބިނާކޮށް އާ ވައިރަހަށް ބަދަލުގެނެސްފައި ވާކަމަށް ޑރ ލީ-މެންގް ޔާން ބުނެއެވެ.

ޗައިނާގެ ވޫހާންއޭ ކިއުނު ސަރަހައްދުން ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ އަސަރު ތައިލޭންޑްއާ ޖަޕާނުންވެސް ވަނީ ފެނިފަ/ފޮޓޯ: ފްލިޕްބޯޑް

މިކަމުގެ ހެކި ހުރިތޯ ކުރެވުނު ސުވާލަށްވެސް ޑރ ލީ-މެންގް ޔާން ވަނީ ޖަވާބުދާރީ ވެފައެވެ. ޑރ ލީ-މެންގް ޔާން ބުނާ ގޮތުގައި ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އާއި ޗައިނާގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ހިއްސާކޮށްފައިވާ ޖޫސޫސީ މައުލޫމާތު، އޭނާ އަތުގައި އެބަހުއްޓެވެ.

ޑރ ލީ-މެންގް ޔާން ބުނި ގޮތުގައި އޭނާ މިހާރުވެސް ދަނީ ދުނިޔޭގެ ފެންވަރުގައި ގުނާ ލެވޭ، ފުންނާބު އުސް ސައެންސްވެރިންތަކަކާއެކު ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވަރަށް އަވަހަށް މި ރިޕޯޓް ޝާއިއު ކުރެވޭނެ ކަމަށްވެސް ޑރ ލީ-މެންގް ޔާން ބުނެއެވެ. 2 ރިޕޯޓެއް އުޅޭނެ ކަމަށާ، ފުރަތަމަ ރިޕޯޓަކީ އާންމުންނަށް ހުރިހާ ހެއްކެއް ލިއްބައިދޭނެ ރިޕޯޓެއް ކަމަށް ޑރ ލީ-މެންގް ޔާން ބުންޏެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިޕޯޓް އާންމުވާނެ ކަމަށްވެސް ޑރ ލީ-މެންގް ޔާން ބުންޏެވެ.

ވޫހާންގެ ސިއްހީ ހިދުމަތްތެރިއަކު ކޮވިޑް-19ގެ ޓެސްޓު އެޑްމިނިސްޓާ ކުރަން ތައްޔާރުވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ހޮންގްކޮންގްއިން ފިލައިގެން އެމެރިކާއަށް ބަދަލުވެފައިވާއިރު، އޭނާގެ ސަލާމަތާ މެދު ބިރުގަނޭތޯ ސުވާލު ކުރުމުން ޑރ ލީ-މެންގް ޔާން ބުނީ، އޭނާގެ މަގުސަދަކީ ވީ އެންމެ އަވަހަކަށް އާންމުންނަށް ހުރިހާ މެސެޖެއް ދިނުން ކަމަށެވެ. ޑރ ލީ-މެންގް ޔާން ބުނި ގޮތުގައި ޗައިނާގެ ކޮންޓްރޯލް އޮތް ސަރަހައްދުން ނިކުތުމަށް އޭނާއަށް އެހީތެރިވީ ޗައިނާގެ ސަރުކާރާ ދެކޮޅަށް ނިކުންނަ ފަރާތްތަކަށް އެހީވާ، ނިއުޔޯކްގެ ފައުންޑޭޝަނަކުންނެވެ.

ޑރ ލީ-މެންގް ޔާން ބުނާ ގޮތުގައި، ކޮވިޑް-19އަކީ ގައިންގައިން އަރާ، ނުރައްކާތެރި ބައްޔެކެވެ. ޑރ ލީ-މެންގް ޔާން ބުނި ގޮތުގައި އޭނާގެ ރިޕޯޓަކީ ބައޮލޮޖީގެ އަސާސްވެސް ނޭނގޭ މީހާއާށް ފަހުމްވާނެ ރިޕޯޓެވެ. އަދި ކޮވިޑް-19އަކީ އެންމެންގެ ފުރާނައަށްވެސް އޮތް ނުރައްކަލެއް ކަމަށް ޑރ ލީ-މެންގް ޔާން ވަނީ އިންޒާރުކޮށްފައެވެ.