ޕީޕީއެމް އާއި ޕީއެންސީގެ ޒުވާނުން އިސްނަގައިގެން މާދަމާ ސައިކަލެއް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާ ޒުވާނުން ބާއްވާ ސައިކަލު ބުރާ ގުޅިގެން އިއްޔެ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
އެ 2 ބޭފުޅުން ފުލުހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ ސައިކަލު ބުުރުގައި އިދިކޮޅުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ އިތުރުން އެއީ ޒުވާނުން އިންތިޒާމުކުރާ ހަރަކާތެއް ކަމަށާއި އެއީ އިދިކޮޅު ދެ ޕާޓީން ރަސްމީކޮށް ބާއްވާ ހަރަކާތެއް ނޫން ކަމަށް ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ.
އިދިިކޮޅު ކޯލިޝަންގެ ޒުވާނުން ވަނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރުވެސް ސައިކަލެއް ބުރެއް ބާއްވާފައެވެ. ގިނަ އަދަދެއްގެ ބަޔަކު އެސައިކަލް ބުރުގައި ބައިވެރިވެފައި ވާއިރު އިދިކޮޅުގެ އިސްވެރިން ވެސް ވަނީ މި ސައިކަލް ބުރުގައި ބައިވެރިވެފައެވެ. އާންމު ވެގެން ދިޔަ ފޮޓޯތަކުން މުޒާހަރާގެ ބައިވެރިންގެ މެދުގައި ގައިދުރުކަން ނެތް ކަން ފެނިގެން ދިޔައިރު ގިނަ ބަޔަކު ވަނީ އެކަމާ ފާޑުކިޔާފައެވެ. އެ ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާ ހިލާފަށް އަމަލުކޮށްފައި ވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
އެމުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ. އެގޮތުން ޒުވާނުން ކުރަމުންދާ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށާއި ވަޒީފާއިން އެތައް ޒުވާނުންތަކެއް މަހްރޫމް ވެފައި ތިބި ކަމަށާއި ކަރަންޓު ބިލާއި ފެންބިލް ދެއްކުމަށް ނުކުޅެދިފައިވާ ކަން އެ ސައިކަލުގައި ބައިވެރިން ވަނީ ގޮވާލާފައެވެ.