ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހޭ ޒުވާން އުމުރުގެ ޕޭޝަންޓުންގެ ސިއްހީ ހާލަތުވެސް ސީރިއަސް ދަރަޖައަކަށް ދާ ކަމަށް ދާދި ފަހުން އާންމުކުރި ދިރާސާއެއް ބުނެފިއެވެ.

ސިއްހީ ދާއިރާގެ ފަހުގެ ހޯދުންތައް ޝާއިއު ކުރަމުން އަންނަ ޖާމާ އިންޓާނަލް މެޑިސިން ޖާނަލްގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، ކޮވިޑް-19އަށް ޕޮޒިޓިވްވާ ޅަ އުމުރުގެ ޒުވާނުންގެ ތެރެއިން ކޮންމެ ހޮސްޕިޓަލުގައި އެޑްމިޓްކުރާ ކޮންމެ 5 ޕޭޝަންޓަކުން 1 އަށް އިންޓެންސިވް ކެއާގައި ފަރުވާ ދޭން ޖެހޭއިރު، މީގެ ތެރެއިން 2.7 ޕަސެންޓް ޕޭޝަންޓުން މި ބަލީގައި މަރުވެދެއެވެ.

ޅަ އުމުރުގެ ޒުވާނުން އާންމު ކޮށް މާނަ ކުރަނީ، ފުރާވަރު އުމުރުގެ ފަހު އަހަރުތަކާ، 30 ގެ އަހަރުތަކުގެ ކުރީކޮޅުގެ އުމުރުފުރާއަށް ނިސްބަތްކޮށެވެ. ދިރާސާ ޓީމުން ބުނާ ގޮތުގައި އެކި ކަހަލަ ސިއްހީ މައްސަލަތައް ހުންނަ ޅަ އުމުރުގެ ޒުވާނުންނަކީ، ދޮށީ އުމުރު ފުރާގެ މީހުން ހުށަހެޅިފައި އޮންނަ މިންވަރަށް ނުރައްކަލަށް ހުށަހެޅިފައިވަ ބައެކެވެ.

މާސްކު އަޅައިގެން ހުރި މީހަކު، ހޮސްޕިޓަލެއްގެ އެމާޖެންސީ އެންޓްރަސް ސަރަހައްދުގައި ހަރަކާތްތެރިވަނީ/ފޮޓޯ: އިންސައިޑާ

އެމެރިކާގެ ބޮސްޓަންގައި ހުންނަ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުން ކުރި ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ، އެމެރިކާގެ 419 ހޮސްޕިޓަލެއްގައި އެޑްމިޓްކުރި 3222، (ކޮވިޑް-19) ޕޭޝަންޓުންގެ ކިބައިންނެވެ. މި ޕޭޝަންޓުންނަކީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ގިންތިއަށް ފެތޭ ޕޭޝަންޓުންނެވެ. މި ޕޭޝަންޓުންގެ ތެރެއިން 21 ޕަސެންޓް ޕޭޝަންޓުންނަށް އިންޓެންސިވް ކެއާގައި ފަރުވާ ދޭން ޖެހުނުއިރު، 10 ޕަސެންޓް ޕޭޝަންޓުން ވެންޓިލޭޓަރަށް ލާންޖެހުނެވެ.

88 ޕަސެންޓް ނުވަތަ 2.7 ޕޭޝަންޓުން މި ބަލީގައި މަރުވިއެވެ. ކޮވިޑް-19 ޖެހޭއިރުވެސް ސިއްހީ މައްސަލަތައް ހުންނަ ޕޭޝަންޓުންނަށް ބަލީގެ ނުރައްކާ ވަކިން ބޮޑެވެ. ދިރާސާ ޓީމުން މުރާޖައާ ކުރި ޕޭޝަންޓުންގެ ތެރެއިން 24.5 ޕަސެންޓް ޒުވާނުންނަކީ މޯބިޑް އޮބީސިޓީ (ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ 100 ޕައުންޑު އިތުރުވެ، އާދަޔާ ހިލާފަށް ފަލުވުމުގެ ސަބަބުން އިތުރު ސިއްހީ ބަލިތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ) ޕޭޝަންޓުންނެވެ. 18.2 ޕަސެންޓް ޕޭޝަންޓުންނަކީ ހަކުރު ބަލީގެ ޕޭޝަންޓުންނެވެ. އަދި 16.1 ޕަސެންޓް ޕޭޝަންޓުންނަކީ ލޭ މައްޗަށްދާ ބަލީގެ ޕޭޝަންޓުންނެވެ. ދިރާސާ ޓީމުން ބުނި ގޮތުގައި، މިފަދަ އެއް ތަކުލީފު ނުވަތަ ގިނަ ތަކުލީފުތަކެއް ތަހައްމަލު ކުރަންޖެހޭ ޅަ އުމުރުގެ ޒުވާނުންނަކީ، މެދު-އުމުރުގެ (ދޮށީ) މީހުންނަށް ކުރިމަތިލާންޖެހޭ ފަދަ ނުރައްކާތަކަށް ހުށަހެޅިފައިވާ ބައެކެވެ.

ހެލިފެލިވެ އުޅުމަށްފަހު ފެންފުޅިއެއް ބޯން ހަމަޖެހިލައިގެން ހުރި ޒުވާނެއް/ފޮޓޯ: ރޯޕިކްސެލް

ކަން މިހެން އޮތްއިރު، މެކޭނިކަލް ވެންޓިލޭޝަން ފަރުވާ ދޭން ޖެހުމަކީ ނަސްލުތަކުގެ ފަރަގެއް ނެތް ކަމަށްވެސް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ލިބެމުންދާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބަލިޖެހޭ ޒުވާނުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނަކަން އޮތީ ހާމަވާށެވެ. މިއާއެކު، މިފަދަ ދިރާސާތަކުން އިބުރަތް ހާސިލުކޮށް، ދިރިއުޅުމަށް އާ ބަދަލުތަކެއް ގެނެސް، ކޮވިޑް-19އިން ދިފާއުވުމަށާއި، ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ތަޖުރިބާކާރުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އާ އާންމު ހާލަތަށް އަހުލުވެރިވުމަށް ޒުވާނުންނަށްވެސް މިވަނީ ލާޒިމުވެފައެވެ.