އަވަށްޓެރި ސްރީލަންކާގެ ހުރިހާ ސަރަހައްދެއްގައި ގެރި ކަތިލުން މަނާ ކުރުމަށް، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ މޭސްތިރިކަމުގެ ދަށުން ހިންގަވާ އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ، ގެރި ކަތިލުން މަނާ ކުރަން ނިންމާފައިވާ ނިންމުމަށް ވަރަށް އަވަހަށް ގާނޫނީ ހައިސިއްޔަތު ދެއްވާނެކަމަށް، ލަންކާގެ ވެރިކަން ކުރާ އެސްއެލްޕީޕީގެ ޕާލަމެންޓްރީ ގުރޫޕަށްވެސް ދަންނަވާފައެވެ. މިއީ ވަރަށް ކުރީއްސުރެވެސް ލަންކާއިން ކުރަން ބޭނުންވެ، ގާނޫނީ ހައިސިއްޔަތު ނުދެވި އޮތް ކަމެއް ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ޚަބަރު ލިބޭ ގޮތުގައި ލަންކާގައި ގެރި ކަތިލުން މަނާ ކުރުމަށް ގާނޫނީ ބާރު ދެއްވުމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ނިންމެވީ، ދީނީ އަދި ސަގާފީ ކަންކަމާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން ކަމަށް ޚަބަރު ލިބެއެވެ.

ބުދިސްޓުންގެ މެޖޯރިޓީ އޮންނަ ސްރީލަންކާގެ އާބާދީގެ ބޮޑު ބައަކީ ގެރިމަސް ކައި އުޅޭ ބައެކެވެ. ނަމަވެސް، ހިންދޫންނާއި ބުދިސްޓުންގެ ގިނަ ބަޔަކު ގެރި މަސް ކައެއް ނުއުޅެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓޯ އޮންނަ އެސްއެލްޕީޕީގެ ސަޕޯޓަރުންގެ އަގުލަބިއްޔަތަކީ ސިންހަޅައިންނާއި ބުދިސްޓުންނެވެ. ސިންގަޅަ ބުދިސްޓުންގެ ގިނަ މީހުންނަކީ ގެރި މަސް ކައި އުޅޭ ބައެއް ނޫނެވެ. ހިންދޫންގެ ތާއީދާއެކު ލަންކާގެ ބުދިސްޓު ފާދިރީން ވަނީ ގެރި ކަތިލުން މަނާކުރުމަށް އެތައް އަހަރެއް ވަންދެން ވަކާލާތު ކޮށްފައެވެ.

ލަންކާގެ އެއްވެސް ހިސާބެއްގައި ގެރި ކަތިނުލެވޭ ގޮތަށް ގާނޫނު އެކުލަވާލި ނަމަވެސް، ގެރި މަސް އިމްޕޯޓް ކުރެވޭނެ ކަމަށް ޚަބަރު ލިބެއެވެ. ސްރީލަންކާ އަކީ ހިންދޫންނާއި ބުދިސްޓުންގެ އިތުރުން، މުސްލިމުންވެސް ދިރިއުޅެމުންދާ ގައުމެކެވެ. ރާއްޖެއިން ބޭރުގައި، އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުންދާ އެއް ގައުމަކީވެސް ސްރީލަންކާއެވެ.