އަފްގާނިސްތާނުގެ ނައިބު ރައީސް އަމްރުﷲ ސޯލިހަށް އަމާޒުކޮށް ކާބުލްގައި ކާރު ބޮމުގެ ހަމަލާއެއް ދީފައި ވާ ކަމަށާ، އެ ހަމަލާއިން އެއްވެސް ޒަހަމެއް ލިބިވަޑައި ނުގެން، ނައިބު ރައީސް ސަލާމަތްވެވަޑައިގެންފައި ވާކަމަށް އޭނާގެ ތަރުޖަމާނު ރަޒްވާން މުރާދު ހާމަ ކުރައްވައިފިއެވެ.

މިއަދު ހެނދުނުގެ ހަމަލާގައި ނައިބު ރައީސް ތޯރިގަށް ޖިސްމާނީ ގެއްލުމެއް ލިބިވަޑައި ނުގެންނެވި ނަމަވެސް، މި ހަމަލާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައި ވާކަމަށް ދާހިލީ ވުޒާރާގެ ތަރުޖަމާނަކު ވަނި ހާމަ ކުރައްވާފައެވެ. މީގެ އިތުރުން، 15 މީހަކު ޒަހަމްވި ކަމަށްވެސް އެ ވުޒާރާއިން ޚަބަރު ދެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ މަންޒަރުތަކުގައި ސޯލިހުގެ ވާތުގައި ބެންޑޭޖު އަޅާފައިވާތޯ ފެނެއެވެ. ޚަބަރު ލިބޭ ގޮތުގައި ހަމަލާ އަމާޒުވި ވަގުތު، އޭނާ ދަތުރު ކރުައްވަމުން ގެންދެވީ އޮފީހަށް ވަޑައިގަތުމަށެވެ. ސޯލިހު ވިދާޅުވި ގޮތުގައި ވާތުގެ ބައެއް ތަންތަން ވަނީ ފިހިފައެވެ. އަދި ގޮވި ގޮވުމަކީ ވަރުގަދަ ގޮވުމެއް ކަމަށްވެސް ސޯލިހު ވަނީ ސިފަކުރައްވާފައެވެ.

އަފްގާނިސްތާނުގެ ނައިބު ރައީސް އަމްރުﷲ ސޯލިހް ދަތުރުކުރެއްވި ގާފިލާއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ޒަހަމްވީ މީހަކު ހސްޕިޓަލަށް ގެންދަނީ/ފޮޓޯ: މުޙައްމަދު އިސްމާއީލު

ޖާސޫސީ އިސް އޮފިޝަލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ސޯލިހަކީ، ތޯލިބާން ޖަމާއަތަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. މީގެ ކުރިންވެސް އޭނާގެ ހަށިކޮޅަށް ގެއްލުންދީ، ފުރާނަ ދުއްވާލުމަށް ހަމަލާތަކެއް ދީފައިވެއެވެ. މިފަދަ ހަމަލާއެއް އެންމެ ފަހުން ސޯލިހަށް އަމާޒު ކުރެވުނީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. އެ ފަހަރުގެ ހަމަލާގައިވެސް 20 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލިކަމެއް ސާފެއް ނުވެއެވެ. އަފްގާނިސްތާނުގެ ތަރައްގީ ތަރައްގީ ހިސާބުތަކުގައި ހަމަލާ ނުދެނޭކަމަށް އެމެރިކާއާއިއެކު އެއްބަސްވުމެއް އެކުލަވާލާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ވަނީ، މި ހަމަލާގެ ޒިންމާއަށް އިންކާރު ކޮށްފައެވެ.