ބޮލީވުޑްގެ ޒުވާން ބަތޮލް، ސުޝާންތް ސިންހްގެ އާދަޔާ ހިލާފު މަރާ ގުޅިގެން ހިންގި ތަހުގީގުތަކާއެކު ފެންމަތިވި ޑްރަގްސްގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ، މުމްބާއީގެ ބައިކުއްލާ ޖަލަށް ބަދަލު ކޮށްފިއެވެ.

ރޭގެ ވަގުތެއްގައި ހައްޔަރު ކުރި ރިއާ، ބައިކުއްލާ ޖަލަށް ބަދަލު ކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އުމުރުން 28 އަހަރުގެ ރިއާ، ރޭ ހުރީ އިންޑިއާގެ ނާކޮޓީކްސް ކޮންޓްރޯލް ބިއުރޯގައެވެ.

14 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓް ކޯޓުން ވަނީ، ކަފާލާތުގެ ދަށުން ރިއާ މިނިވަން ކުރުމަށް އިންކާރު ކޮށްފައެވެ.

ރިއާ ބަދަލުކޮށްފައިވާ ބައިކުއްލާ ޖަލަކީ، މުމްބާއީގައި އަންހެނުންނަށް ހާއްސަކޮށްގެން އޮޕަރޭޓް ކުރާ ހަމައެކަނި ޖަލަށް ވާއިރު، އެ ތަނަކީ ހައި-ޕްރޮފައިލް ގައިދީންތަކެއް ތިބި ޖަލެއްކަން ފާހަގަކުރަންޖެހެއެވެ. އޭގެ ތެރޭގައި، މަރުގެ ބޮޑެތި މައްސަލުތަކުގައި ބެދިފައިވާ ގައިދީންވެސް އެބަތިއްބެވެ.

ސުޝާންތް ސިންހް/ފޮޓޯ: މުމްބާއީ ލައިވް

ރިއާ ހައްޔަރު ކޮށްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސުޝާންތްއަށް ޑްރަގްސް ހަމަޖައްސާ ދިނުމުގެ ކުށުގައެވެ. މިކަމުގައި ރިއާގެ ކޮއްކޮ، ޝޯވިކް ޗަކްރަބަތީ ވެސް ޝާމިލުވެއެވެ. ރިއާ މަސްތުވާތަކެތީގެ ބޭނުން ކުރި ކަމަކަށް ކޯޓުގެ ލިއެކިއުންތަކުގައި ބަޔާން ކޮށްފައެއް ނުވެއެވެ. ޖޫން 14 ވަނަ ދުވަހު ސުޝާންތް މަރުވެފައި އޮއްވާ ފެނުނުއިރު، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ރިއާއާއި ދެކޮޅަށް ކުރަމުންދާ ދައުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުކޮށްފި ނަމަ އޭނާގެ މައްޗަށް 10 އަހަރާ ހަމައަށް އަންނަ ޖަލު ހުކުމެއް އިއްވާނެއެވެ.

ކަން މިހެން އޮތްއިރު ބޮލީވުޑް ފިލްމީ ސިނާއަތުގެ ބައެއް މެމްބަރުން މިހާރު ދަނީ ރިއާ ދިފާއު ކުރަމުންނެވެ.