އުމުރުން 5 އަހަރުން ދަށުގެ ކުދިން މަރުވާ ނިސްބަތް، މިހާތަނަށް، އެންމެ ދަށް މިންވަރަކަށް ރެކޯޑް ކުރެވިފައިވަނީ 2019 ވަނަ އަހަރުގައި ކަމަށް، އދގެ އިދާރާތަކާ ވޯލްޑް ބޭންކުން އެންމެ ފަހުން އާންމު ކުރި ރިޕޯޓް ބުނެފިއެވެ.

އެކަށީގެންވާ ފަރުވާއާއި އަޅާލުން ދީގެން ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮތް ކުދިންގެ ތެރެއިން، 2019 ވަނަ އަހަރު މަރުވި (އުމުރުން 5 އަހަރުން ދަށުގެ) ކުދިންނަށް ބަލާއިރު، މި އަދަދު އުޅަނީ 5 މިލިއަނުގައި ކަމަށް ރެކޯޑްތަކުން ދައްކައެވެ. 1990ގައި މިއަދަދު އުޅުނީ 12.5 މިލިއަނުގައެވެ.

ކަން މިހެން އޮތް ނަމަވެސް، 2019 ވަނަ އަހަރުގެ ފަހުން ކޮޅުން ފެށިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ފާއިތުވީ އެތައް އަހަރެއްގެ މަސައްކަތުން ހޯދުނު ކުރިއެރުންތައް ވިއްސިވިހާލިވެ، ޅަ އުމުރުގައި މަރާކުރިމަތިވުމުގެ ނުރައްކާ ބޮޑުވަމުން އަންނަކަން ފާހަގަކުރަންޖެހެއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ވޫހާން ސިޓީގެ ނަރުހެއް، އަލަށް އުފަންވި ތުއްތު ކުއްޖަކު އުރާލައިގެން/ފޮޓޯ: އެންބީސީނިއުސް

މި ރިޕޯޓަށް މައުލޫމާތު އެއްކޮށްފައި ވަނީ ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)، އދގެ އިގުތިސޯދީ އަދި އިޖުތިމާއީ ކަންކަމާ ބެހޭ އިދާރާގެ އާބާދީއާއި ބެހޭ ޑިވިޝަން އަދި ވޯލްޑް ބޭންކު ގުރޫޕުންނެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، އަދުގެ ކުޑަކުދިންގެ ޖީލުގެ މާދަމާގެ މުސްތަގުބަލަށް އޮތް ކުރިއެރުމަށް، ކޮވިޑް-19ގެ ސަބަބުން ހިޔަނި އެޅުނަ ދީގެން ނުވާނެ ކަމަށެވެ.

ޔުނިސެފްއާއި ޑަބްލިއުއެޗްއޯއިން ދާދި ފަހުން ކުރި ސާވޭތަކުން ހާމަވެފައިވާ ގޮތުގައި، ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ ކުޑަކުދިންނާ މާބަނޑު އަންހެނުންގެ ސިއްހަތުގެ ނިޒާމެވެ. އެގޮތުން ކޮވިޑް-19ގެ އިޖާބައަށް ގައުމުތަކުގެ ވަސީލަތްތައް ހުސްކޮށްލުމާއި، ސީދާ އެ ބައްޔަށް އިންފެކްޓްވެދާނެ ކަމުގެ ބިރައްޓަކައި އެކަށީގެންވާ ގޮތުގައި ސިއްހީ ފަރުވާ ހޯދާ، ލިބިގަތުމުގައި ހުރަސްތަކެއް ކުރިމަތިވެ، މާބަނޑު ދުވަސްވަރު ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާ ހުއްޓުމަކަށް އައުން ފަދަ މައްސަލަތައް ކުރިމަތިވެ، ޅަފަތުގައި ކުދިން މަރުވުމާ، ބަނޑަށް ދަރިފުޅު މަރުވުމުގެ ހާދިސާތައް ހިނގާކަން ފާހަގަކުރަންޖެހެއެވެ.

ހޮސްޕިޓަަލަކަށް އަލަށް އުފަންވި ކުދިންގެ ތެރެއިން އާދަޔާ ހިލާފަށް ބިޔަ ތުއްތު ކުއްޖެއް/ފޮޓޯ: އެންވައިޕީ

ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓާ ހެންރިއެޓާ ފޯ ވިދާޅުވީ، ފަރުވާ ހޯދެނިވި ހާލަތުގައި އޮންނަ ކުދިން ޅަ އުމުރުގައި މަރުވާ މައްސަލައަށް ހައްލު ހޯދުމުގައި ދުނިޔެއިން ކާމިޔާބީތައް ހޯދާފައިވަނީ، ކުރިއަށްދާ މަގުން ފަހަތަށް ދާންވީ ވަރަށްވުރެވެސް ބޮޑަށް ކަމަށާ، ކޮވިޑް-19ގެ ސަބަބުން ފަހަތަށް ފިޔަވަޅު އަޅަން، ބައިނަލްއަގުވާމީ މުޖުތަމައަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.

ހުއްޓުމަކަށް އައިސްފައިވާ ސިއްހީ ހިދުމަތްތަކާ، ބުރޫއަރާފައިވާ ސިއްހީ ނިޒާމު ހެޔޮ ފާލަކަށް އަޅުވާ، މިހާރުން މިހާރަށް ހިދުމަތްތައް އިޔާދަކޮށް، ރުޖޫއަށް ކުރުމަށް، މިހާރުން މިހާރަށް އިންވެސްޓްމަންޓްތަކެއް ނުކޮށްފި ކަމުގައި ވަނީ ނަމަ، އެތައް މިލިއަން ކުދިންނެއް، ވަކިން ހާއްސަކޮށް، އަލަށް އުފަންވާ ކުދިން މަރުވުމުގެ ފުރުސަތު އެބަ އޮތް ކަމުގެ އިންޒާރުވެސް ފޯ ވަނީ ދެއްވާފައެވެ.

އަލަށް އުފަންވެފައިވާ ތުއްތު ކުދިންތަކެއް ހޮސްޕިޓަލެއްގެ ނާސަރީގައި/ފޮޓޯ: ޕަލްސް ހެޑްލައިންސް

މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ޔުނިސެފުން ސާވޭ ކުރި 77 ގައުމުގެ ތެރެއިން 68 ޕަސެންޓް ގައުމުން ވަނީ، ކުޑަކުދިންގެ ސިއްހީ ޗެކަޕްތައް ހެދުމާ، ވެކްސިންގެ މަޝްރޫއުތަކަށް ބުރޫ އަރާފައިވާކަމަށް ރެކޯޑް ކޮށްފައެވެ. ޑަބްލިއުއެޗްއޯއިން ސާވޭކުރި 105 ގައުމަށް ބަލާއިރު، 52 ޕަސެންޓް ގައުމުގައި، ބަލި ކުދިންނަށް ދޭންޖެހޭ ސިއްހީ ފަރުވާއަށް ބުރޫއެރިކަމަށް ރެކޯޑް ކޮށްފައިވާއިރު، ހަށިގަނޑަށް ބޭނުންވާ ފައިދާ ހުރި ކާނާއާއި މާއްދާތައް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ 51 ޕަސެންޓް މަޝްރޫއަށްވެސް ބުރޫއެރިކަން ފާހަގަކުރަންޖެހެއެވެ.

މިފަދަ ހިދުމަތްތަކަކީ އުފަންވާތަނުން މަރުވާ ކުދިންނާ، ޅަ އުމުރުގައި މަރުވާ ކުދިންގެ އަދަދު ދަށް ކުރުމަށް ކޮންމެހެން މުހިންމު ހިދުމަތްތަކެއްކަން ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ.

ޔުނިސެފްގެ މޯޓާލިޓީ ރިޕޯޓް ބުނާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމުގެ ކުރިންވެސް އަލަށް އުފަންވާ ކުދިންނަކީ ޅަ އުމުރުގައި މަރުވުމުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އުމުރުފުރާއެވެ. އެގޮތުން 2019 ވަނަ އަހަރަށް ބަލާއިރު، ކޮންމެ 13 ސިކުންތަކުން ތުއްތު ކުއްޖަކު މި ދުނިޔެއާއި ވަކިވެދާކަމަށް ރެކޯޑްތަކުން ދައްކައެވެ. ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، ކޮވިޑް-19އާއިއެކު ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބަނަވިލާގަނޑުގައި ޖެހި، މިއަދަދު އިތުރުވުމުގެ ނުރައްކާ ވަކިން ބޮޑެވެ.

ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

ކޮވިޑް-19އާ ގުޅިގެން ތަފާސް ހިސާބުތައް އެކުލަވާލުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ މޮޑެލްއަކަށް ބަލާއިރު، ކޮވިޑް-19ގެ ސަބަބުން ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ދަތިތަކާއެކު، ދުވާލެއްގެ މައްޗަށް މަރުވާ ކުޑަކުދިންގެ އަދަދު 6000 އަށް އެރުންވެސް އެކަށީގެންވެއެވެ.

ޅަ އުމުރުގައި މަރުވާ ކުދިންގެ އަދަދު ދަށް ކުރުމުގައި ކާމިޔާބީތަކެއް ހާސިލު ކުރެވިފައި ވީ ނަމަވެސް، މިހާރު ކުރިއަށްދާ ގޮތަށް ހާލަތު ދެމި އޮވެއްޖެނަމަ، އުމުރުން 5 އަހަރާއި 14 އަހަރާ ދެމެދު އުމުރު ފުރާއިން 10 މިލިއަން ކުދިންނާއި، އުމުރުން 5 އަހަރުން ދަށުގެ 52 މިލިއަން ކުދިން، 2019-2030 ވަނަ އަހަރާ ދެމެދު މި ދުނިޔެއާއި ވަކިވެ ހިނގައިދާނެ ކަމަށް، ޔުނިސެފްގެ މޯޓާލިޓީ ރިޕޯޓުން ވަނީ ލަފާކޮށްފައެވެ.

އުމުރުން 5 އަހަރުން ދަށުން މަރުވާނެ ކަމަށް ލަފާކޮށްފައިވާ ކުދިންގެ ތެރެއިން 2 ބައިކުޅަ 1 ބައި ކުދިންނަކީ، އުފަންވާތަނުން މަރުވާ ކުދިން ކަމަށާ، ނަމަވެސް މިފަދަ ކޭސްތަކަކީ، ފުރާނަ ސަލާމަތް ކުރުމަށް ފުރުސަތު އޮންނަ ކޭސްތަކެއް ކަމަށްވެސް ރިޕޯޓްގައި ފާޙަގަކޮށްފައިވެއެވެ.