ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދަފްތަރު. ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑރ. މުހައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލީ ރަޝީދު ހުސައިން އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމެވެ. އޭގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، ގާޒީކަމުގެ މަގާމާއި، ޑްރަގު ކޯޓުގެ ގާޒީކަން ވެސް އަދާކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ޑރ. މުހައްމަދު އިބްރާހީމް، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ހާސިލުކުރައްވާފައި ވަނީ އިސްލާމިކް ކޮމާޝަލް ލޯގެ ދާއިރާއިން މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާއިންނެވެ. އޭނާ ވަނީ ޕްރިމިއާ ޗެމްބާރސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކައުންސިލް މެންބަރުކަމާއި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޝަރީއާ ކޮމިޓީގެ މެންބަރުކަން ކުރައްވާފައެވެ.