އަވަށްޓެރި އިންޑިއާއިން ހަނދަށް ކުރަން ހަމަޖެހިފައިވާ އާ ދަތުރު ލޯންޗް ކުރުން އަންނަ އަހަރަށް ފަސްވުން ގާތް ކަމަށް، ޔޫނިއަން މިނިސްޓާ ޖީތެންދްރާ ސިންހް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފަހު 6 މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ހަނދަށް އުދުއްސާލަން ތާވަލު ކުރި "ޗާންދްރަޔާން-3"ގެ މިޝަން ލޯންޗްކުރުން، 2021 ވަނަ އަހަރުގެ ކުރީކޮޅަށް ފަސްވުން ގާތް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ޗާންދްރަޔާން-2" އާ ހިލާފަށް، ރޯވާއަކާ ލޭންޑާއަކާއެކު ހަނދަށް އުދުއްސާލާ "ޗާންދްރަޔާން-3" ލޯންޗްކުރުން ފަސްވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށް، އިންޑިއާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ (އައިއެސްއާރްއޯ) އިން ވަނީ ހާމަކޮށްފައެވެ.

ޖައްވީ ކަންކަމާ ބެހޭ އިންޑިއާގެ ވުޒާރާ (މޮސް)ގެ ޔޫނިއަން މިނިސްޓަރު ޖީތެންދްރާ ސިންހް ވިދާޅުވީ، ހަނދުގެ ދެ ތަނޑިން ދަބަރުގެ އަސަރު ފެންނަން ހުރި ކަމަށް ދޭހަކޮށްދޭ މަންޒަރުތައް ފޮނުވާފައި ވަނީ، މީގެ ކުރިން އިންޑިއާއިން ހަނދަށް ފޮނުވާލި "ޗާންދްރަޔާން-1" އިން ކަމަށެވެ.

އިންޑިއާއިން މިހާރު ދަނީ ޖައްވަށް އިންސާނުން ފޮނުވުމަށް ހިންގަންޖެހޭ ތަމްރީނުތައް ހިންގަމުންނެވެ. ކޮވިޑް-19ގެ ސަބަބުން މިކަމަށް އަސަރުތަކެއް ފޯރުކަމުގައި ވީ ނަމަވެސް، ތަވާލާ އެއްގޮތަށް 2022 ވަނަ އަހަރު މިޝަން އުދުއްސާލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ޖީތެންދްރާ ސިންހް ވަނީ ވިދާޅުވެފައެވެ.