2000 އަހަރުތަކުގެ ކުރީކޮޅު، ފުރާވަރު އުމުރުގެ ކުދިންނާ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ މަޝްހޫރު ޓީވީ ސީރީޒް "ގޮސިޕް ގާލް"ގެ ރީބޫޓް ޝޯގެ ޕްރޮޑަކްޝަން، ނިއުޔޯކްގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ވޯނާ ބްރޯސްގެ ތަރުޖަމާނަކާ ހަވާލާދީ، މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނާ ގޮތުގައި، "ގޮސިޕް ގާލް" ރީބޫޓް ޝޯގެ ޕްރޮޑަކްޝަން މަސައްކަތްތައް، އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ފަށާ ގޮތަށް އޮތީ ހަމަޖެހިފައެވެ. ވޯނާމީޑިއާ ސްޓޫޑިއޯޒްއާއި ނެޓްވޯކްސް ގްރޫޕްގެ އިސްވެރިޔާ އޭން ސާނޯފްވެސް ވަނީ، ވެންކޫވާ، ނިއުޔޯކް އަދި ލޮސްއެންޖަލީސްގައި ޕްރޮޑަކްޝަން މަސައްކަތް ފަށާފައިވާކަމަށް ނުވަތަ ވަރަށް އަވަހަށް ފެށިދާނެ ކަމުގެ އިޝާރަތްތަކެއް ކޮށްފައެވެ.

"ގޮސިޕް ގާލް" ރީބޫޓް ޝޯގެ މަސައްކަތް މި ފަށަނީ، އޮރިޖިނަލް ސީރީޒްގެ އެންމެ ފަހު ސީޒަން ރިލީޒްކުރިތާ 8 އަހަރު ދުވަސް ފަހުންނެވެ. ރީބޫޓް ޝޯ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވާނީ، މި ވީ ދުވަސްތަކުގައި ނިއުޔޯކް ސިޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް އައި ބަދަލުތަކަށް އަހުލުވެރި އުސޫލަކުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އާ ޝޯގައި ފެނިގެންދާނީ، ނިއުޔޯކްގެ ޕްރައިވެޓް ސްކޫލަކާ ގުޅޭ، ފުރާވަރު އުމުރުގެ އާ ކުދިންތަކެއް، "ގޮސިޕް ގާލް" ގެ ވެބްސައިޓަށް ތައާރަފުވާ މަންޒަރު ކަމަށްވެސް ޚަބަރު ލިބެއެވެ. ނަމަވެސް، ޝޯގެ ނެރޭޓާ ކްރިސްޓެން ބެލް، އޭނާގެ ރޯލު އަދާ ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

10 އެޕިސޯޑްގެ މައްޗަށް ދެމިގެންދާ ރީބޫޓްގައި އާ މޫނުތަކެއް ފެނިގެންދާއިރު، މި ޝޯވެސް އުފައްދަނީ އޮރިޖިނަލް ސީރީޒް އުފެއްދި ޖޯޝް ޝްވަޓްޒްއާއި ސްޓެފަނީ ސެވޭޖް ކަމަށް ޚަބަރު ލިބެއެވެ.

"ގޮސިޕް ގާލް" ރީބޫޓް ޝޯގެ މަސައްކަތް މާޗް މަހު ފެށުމަށް ތާވަލު ކުރި ނަމަވެސް، އޮކްޓޯބަރު މަހަށް ފަސްވެފައިވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކުގައެވެ. މިއާއެކު ސީރީޒް ރިލީޒް ކުރުން، 2021 އަށް ވަނީ ފަސްކޮށްފައެވެ.