ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ރަޖިސްޓްރީ ކުރި ވެކްސިންގެ ގޮތުގައި ރަޝިއާއިން ތަރައްގީކޮށް، އުފައްދާ، ޕްރޮމޯޓް ކުރަމުންދާ "ސްޕަޓްނިކް-5"ގެ ދިރާސާ ރިޕޯޓް އާންމުކޮށްފިއެވެ.

"ސްޕަޓްނިކް-5" ވެކްސިންގެ ފުރަތަމަ 2 މަރުހަލާގެ ޕިއާ ރިވިއުޑް ނަތީޖާތަކުގެ މައްޗަށް އެކުލެވޭ ރިޕޯޓް، މިއަދުގެ ވަގުތެއްގައި ޝާއިއު ކޮށްފައިވަނީ ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތައް ގެނެސްދޭ ދަ ލޭންސެޓް ޖާނަލްގައެވެ.

ދަ ލޭންސެޓްއިން މިއަދު އާންމު ކުރި ޕްރެސް ރިލީޒްއެއްގައި ބުނެފައިވަނީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބި 38 މީހަކު ބައިވެރިކޮށްގެން 42 ދުވަހަށް ކުރިއަށް ގެންދިޔަ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން، މިއީ ރައްކާތެރިކަމުގެ ގިންތިއަށް ފެތޭ، ނޭދެވޭ ސީރިއަސް ނަތީޖާތަކެއް ނުފެންނަ ވެކްސިނެއް ކަމަށެވެ. އަދި މި ވެކްސިނަކީ، އެންޓިބޮޑީ އިޖާބަދެނިވި ވެކްސިނެއް ކަމަށްވެސް ދަ ލޭންސެޓްގެ ޕްރެސް ރިލީޒްގައިވެއެވެ.

ވެކްސިނެއް ފުރިހަމަ ކުރަން ބޭނުންވާ 3 މަރުހަލާގެ މަސައްކަތްތައްވެސް ނުނިމެނީސް، އާންމު ބޭނުމަށް ހުއްދަ ދޫކުރި "ސްޕަޓްނިކް-5" ވެކްސިނާއި ގުޅިގެން ރަޝިއާއަށް، ބޮޑެތި ފާޑުކިއުންތަކެއް އޮތީ އަމާޒުވެފައެވެ. އަދި އިންތިހާ ހަލުވި މިނެއްގައި ވެކްސިން ރަޖިސްޓްރީ ކުރިކަން ފާހަގަކޮށް، ގިނަ ބަޔަކު އޭރު ވަނީ ރަޝިއާއަށް ފާޑުކިއާފައެވެ.

މިއީ އުއްމީދީ ، އެހެން ނަމަވެސް ކުޑަ ދިރާސާއެއް ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އިންޓަނޭޝަނަލް ވެކްސިން އެކްސެސް ސެންޓަރުގެ ޑެޕިއުޓީ ޑައިރެކްޓާ، ނާއޯރް ބާ-ޒީވް ވަނީ ވިދާޅުވެފައެވެ. ދަ ލޭންސެޓްއިން ބުނާ ގޮތުގައި ބާ-ޒީވްއަކީ ރަޝިއާގެ ދިރާސާގައި ބައިވެރިވެފައިވާ ފަރާތެއް ނޫނެވެ. ނަމަވެސް އޭނާއަކީ ރަޝިއާގެ ދިރާސާގެ މިނިވަން މުރާޖައާއެއް ކުރި މީހެއްކަމަށް ބުނެފައިވެއެވެ.

ރަޝިއާގެ ވެކްސިން މަޝްރޫއަށް ފަންޑުކުރި ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑްގެ ސީއީއޯ ކިރީލް ޑިމިޓްރިއޭފް ވިދާޅުވީ، ތަހުލީލުތަކުގެ ނަތީޖާތަކަށް ބަލާއިރު މިއީ ރައްކާތެރި، އަދި ބިނާކުރަނިވި އަސަރުތަކެއް ފެންނަ ވެކްސިނެކެވެ. އަދި މިއަދު އާންމު ކުރި ނަތީޖާތަކަކީ، ރަޝިއާގެ "ސްޕަޓްނިކް-5"، ކޮވިޑް-19 ވެކްސިނަށް ފާޑުވެރި ނަޒަރަކުން ބަލަމުންދިޔަ ފަރާތްތަކަށް ދެވުނު ވަރުގަދަ ރައްދެކެވެ.

މިކަމާ ބެހޭ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.