ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ އިޓަލީވިލާތުގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލަސްކޯނީ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

އުމުރުފުޅުން 83 އަހަރުގެ ބަރުލަސްކޯނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ޓެސްޓުތަކެއް ހެދުމަށް ކަމަށް ޚަބަރު ލިބެއެވެ. އިޓަލީވިލާތުގެ ފޯޒާ ޕާޓީއިން ބުނީ ބަރުލަސްކޯނީގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ބަރުލަސްކޯނީއާއި އޭނާގެ 2 ދަރިކަލަކު، ކޮވިޑް-19އަށް ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. އެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން ދިޔަ ސަރަހައްދަކީ، މިވަގުތު އިޓަލީވިލާތުގައި ހަލުވި މިނެއްގައި ބަލި ފެތުރެމުންދާ ސަރަހައްދެކެވެ. ބަރުލަސްކޯނީގެ ހަޔާތުގެ ބައިވެރިޔާވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ބަރުލަސްކޯނީވަނީ އޭނާގެ ޕާޓީގެ އެކްޓިވިސްޓުންނަށް ވީޑިއޯ މެސެޖެއް ދެއްވާފައެވެ. އެ މެސެޖުގައި ބަރުލަސްކޯނީ ވަނީ، ކެމްޕޭން މަސައްކަތްތަކުގައި މިހާރުވެސް ޝާމިލުވެ އުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް ކޮވިޑް-19ގެ ވައިރަހުގެ އަސަރު ކުރީ ކިހިނެއް ކަން ސާފު ނުވާ ކަމަށްވެސް ބަރުލަސްކޯނީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން، ދުނިޔޭގެ ހުރިހާ ހިސާބަކަށްހެން ފެތުރިފައި ވާއިރު، މި ބައްޔަށް ޕޮޒިޓިވްވާ ލީޑަރުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. ބަރުލަސްކޯނީއަކީ 1990ގެ އަހަރުތަކުގައި އިޓަލީވިލާތުގެ ސިޔާސީ މަސްރަހު ޑޮމިނޭޓް ކުރެއްވި ޝަހްސެކެވެ.