ނުތަނަވަސް ވެފައިވާ އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އިންޑިއާގެ ސްޕެޝަލް ފޯސަސްގެ މެމްބަރަކު މަރާލާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ސަރަހައްދީ ނިއުކްލިއާ 2 ބާރުގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާއިން ހިމާލަޔާސް ފަރުބަދަމަތީ ސަރަހައްދުގައި ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި، އިންޑިއާގެ ސްޕެޝަލް ފޯސަސްއަށް ނިސްބަތްވާ ޓިބެޓް ދަރިކޮޅުގެ މެމްބަރަކު މަރަލާފައިވާ މި ދަނޑިވަޅަކީ، އިންޑިއާއާއި ޗައިނާއާ ދެމެދު އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައިވާ ދަނޑިވަޅެކެވެ.

ބޯޑަރުގެ މިލްކުވެރި މައްސަލާގައި ޗައިނާއާއި އިންޑިއާއިން 1962 ވަނަ އަހަރު ހަނގުރާމާ ކޮށްފައިވާ އިންޑިއާއާއި ޗައިނާއިން އަދިވެސް މިމައްސަލާގައި އެއްގަލަކަށް އަރާފައެއް ނުވެއެވެ. ދެ ފަރާތުންވެސް ދަނީ، ސަރަހައްދީ އިމުގެ ތެރެއަށް އަނެއް ބާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ތުހުމަތުކޮށް، ކުރިމަތިލުންތައް ހިންގަމުންނެވެ.

ބޯޑަރު ސަރަހައްދުގައި އިންޑިއާގެ ސްޕެޝަލް ފޯސަސްއަށް ނިސްބަތްވާ މެމްބަރެއްގެ ފުރާނަ ގެއްލުނުކަން ރަސްމީ ސިފައެއްގައި އަދި އެއްވެސް ކޮޅަކުން ހާމަކޮށްފައެއް ނުވެއެވެ. ޓިބެޓަށް ނިސްބަތްވާ މެމްބަރަކު މަރާލާފައިވާކަން ހާމަކުރީ، އަރުވާލެވިފައިވާ ޓިބެޓްގެ މަޖިލިސް މެމްބަރު ނަމްގަޔާލް ޑޮލްކާރު ލަގްޔާރީއެވެ. ލަގްޔާރީ ބުނާ ގޮތުގައި، ޓިބެޓްގެ މެމްބަރު މަރާލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ހިންގި ކުރިމަތިލުންތަކުގައެވެ.

ދުނިޔޭގެ ސުޕާޕަވާގެ ގޮތުގައި އޮތް އެމެރިކާއިން ވަނީ އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްވަމުން އަންނަ މަސްރަހު، ވަރަށް ގާތުން ބަލަމުން އަންނަކަން ހާމަކޮށްފައެވެ. ޗައިނާއިން މަސައްކަތް ކުރަމުންދަނީ މުޅި ދުނިޔެއިން މިނިވަންކަން ނައްތާލުމަށް ކަމަށްވެސް އެމެރިކާއިންވަނީ ތުހުމަތު ކޮށްފައެވެ.