އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އިސްލާމީ ދުނިޔެއާއި، އަރަބި ގައުމުތަކާއި، ސަރަހައްދީ ގައުމުތަކާއި ފަލަސްތީނަށް ބޭވަފާތެރި ވެފައި ވާ ކަމަށް، އީރާނުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

މިފަދަ ރޫހެއްގައި ޔޫއޭއީއަށް ޚާމަނާއީ ފާޑުވިދާޅުވެފައި މިވަނީ، އިސްރާއީލާއެކު އާންމު އުސޫލުން ގުޅުންތައް ބަދަހިކޮށް، އިސްރާއީލާއެކު އެކި ރޮނގުތަކުން ގުޅުންތައް ބަދަހި ކުރުމުގެ އަމަލީ މަސައްކަތް ފެށުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިދަނޑިވަޅުގައި ޔޫއޭއީއަށް ފާޑުވިދާޅިދާޅުވުމުގައި ޚާމަނާއީ އިހުތިޔާރު ކުރެއްވި ހަމައެކަނި ޕްލެޓްފޯމަކީ ޓްވިޓާއެއް ނޫނެވެ. އަންގާރަ ދުވަހު ދެއްވި ވަރުގަދަ ތަގުރީރެއްގައި އޭނާ ވަނީ، އިސްލާމީ ދުނިޔެއާއި އަރަބި ގައުމުތަކާ ފަލަސްތީނާ ދެކޮޅަށް ޔޫއޭއީއިން ބޭވަފާތެރިވި ބޭވަފާތެރިވުމަކީ، ތާ އަބަދަށް އެގައުމަށް އޮތް ބަދު ނަސީބެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޚާމަނާއީގެ ފާޑުވިދާޅުވުންތަކާ ގުޅިގެން ޔޫއޭއީގެ ހާރިޖީ ވުޒާރާގެ އޮފިޝަލު ޖަމާލް އަލް-މުޝައްރަޚު ވިދާޅުވީ، ސުލްހައާއި ކުރިއެރުމަށް މަގު ކޮށިގެންދަނީ ހަމަނުޖެހުން އުފައްދާ، ނަފުރަތުގެ ވާހަކަތައް ދައްކައިގެން ނޫން ކަމަށެވެ.

އީރާނަކީ އަރަބި ގަލްފު ގައުމުތަކުގެ އާންމު ހަތުރެއްގެ ގޮތުގައި ސިފަ ކުރަމުން އަންނައިރު، އިސްރާއީލުން ވަނީ "އާންމު ދުޝްމަނަކީ" އިސްރާއީލުގެ ކޮޅަށް ބަޔަކު ލަންބުވާލާނެ ކަމެއް ކަމަށް މީގެ ކުރިންވެސް ބުނެފައެވެ.

ޔޫއޭއީއާއި އިސްރާއީލާ ދެމެދު އާންމު އުސޫލުން ގުޅުން ބަދަހި ކޮށް، އިތުރު ގުޅުންތަކަކަށް މަގު ތަނަވަސް ކުރަމުންދާއިރު، އިސްލާމީ ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.