އެކަށީގެންވާ ވަގުތު ޖެހުމުގެ ކުރިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ނެރުމަށް ޕްރެޝަރު ކުރަމުން ދާނަމަ، މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ތައްޔާރު ކަމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ކޮމިޝަނަރު ޑރ ސްޓީވަން ހާން ވިދާޅުވެއްޖެއެވެ.

ސީބީއެސްއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ހާން ވިދާޅުވީ، އެފްޑީއގެ ނިންމުންތައް ނިންމުމުގައި ބަރޯސާވެ ހަމައެކަނި މިންގަނޑަކީ ސައެންސްއާއި ކްލިނިކަލް ޓްރަޔަލްތަކުގެ ތަފާސް ހިސާބުތަކުން ކަނޑައަޅާ މިންގަނޑު ކަމަށާ، އެނޫން އެއްވެސް ކަމަކަށް ނުބަލާނެ ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާގެ ކޭމްބްރިޖް އޮފީސް އިމާރާތް/ފޮޓޯ: އެލިސްޓެއާ ގްރާންޓް

އެމެރިކާއިން ކޮވިޑް-19ގެ ޝިކާރައަކަށްވި މީހުންގެ އަދަދު 6 މިލިއަންގެ ފާހަގަ ހުރަސް ކޮށްފައި ވާއިރު، ބަލިން ދިފާއުވާނެ ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދުވެލި އިންތިހާއަށް އަވަސްކޮށްފާނެ ކަމުގެ ކަންބޮޑުވުން ވަނީ ބައެއްގެ މެދުގައި އުފެދިފައެވެ. ކަން މިހެން އޮތްއިރު، ކޮވިޑް-19އާ ގުޅިގެން އެމެރިކާއގެ ކަމާބެހޭ އިދާރާތަކުން ނިންމާ ނިންމުންތަކަށް، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ނުފޫޒު ފޯރުވާ އަޑުތަކެއްވެސް ވަނީ ފެތުރެން ފަށާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ގައުމަކަށް އެމެރިކާ ވެފައިވާއިރު، މި ބަލިމަޑުކަމުގައި ސަރުކާރު ފެއިލްވެފައިވާކަމަށްވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ރަޝިއާއިން އުފެއްދި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

މާޒީގެ ފިލާވަޅު

ބަލިމަޑުކަމެއް ކޮންޓްރޯލް ކުރުމަށް ވެކްސިނެއް އުފެއްދުމަކީ ކުރިއަރާފައިވާ އަދުގެ ދުނިޔޭގައިވެސް މާ ފަސޭހަ ކަމެއް ނޫނެވެ. މިއީ އެތައް އަހަރެއް، އެކަމުގައި ހޭދަ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ތާރީހު ނުދެކޭ ފަދަ އިންތިހާ ހަލުވި މިނެއްގައެވެ.

1955

އެއީ 1955 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 12 ވަނަ ދުވަހެވެ. ކުދާކުދިންނަށް ހާއްސަކޮށްގެން ޕޯލިއޯ ބަލިން ދިފާއުވާނެ ވެކްސިނެއްގެ ވާހަކަ، އެމެރިކާ ސަރުކާރުން ހާމަކުރިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލެބްތަކުން ވެކްސިންތައް ތަރައްގީ ކުރިއެވެ. އެތައް ހާސް ވެކްސިނެއް އުފެއްދިއެވެ. މިތަނުން އެއް ކުންފުންޏަކީ ކަޓާ ލެބްސް ނަމަކަށް ކިއާ ކުންފުންޏެކެވެ. މި ކުންފުނިން ހަލުވި ދުވެލީގައި ތަރައްގީ ކުރި ވެކްސިންގައި އޮޅުމެއްގެ ތެރެއިން، ޕޯލިއޯ ލައިވް ވައިރަސް ހިމެނުނެވެ. ނަތީޖާއަކީ ބަލިމަޑުކަމެއް ފެތުރިގެން ދިއުމެވެ.

ޕޯލިއޯ ވެކްސިން ޑޯޒްއެއް/ފޮޓޯ: އެޒްރާ އަޖާޔަން

200000 އަށްވުރެ ގިނަ ކުދިން ވެކްސިން ޕްރޮގްރާމްގައި ބައިވެރިވިއެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، އެ މަޝްރޫއު ނިންމާލަން ސަރުކާރަށް މަޖުބޫރުވިއެވެ. 40000 އެއްހާ ކުދިންނަށް ޕޯލިއޯ ބަލި ޖެހުނެވެ. އެތައް ސަތޭކަ ކުދިންނެއް ވާގިނެތުނެވެ. 10 ކުއްޖެއްގެ ފުރާނަ ގެއްލުނު ކަމަށް ބޭސްވެރިކަމުގެ ތާރީހު ދިރާސާކުރައްވާ ޑރ ހޯވަޑް މާކެލް ވިދާޅުވިއެވެ.

1976

އިންފްލުއެންޒާގެ އާ ސްޓްރެއިންއެއް ކަމަށްވާ ސްވައިން ފްލޫގެ ރޯގާއެއް އަންނަން އުޅޭ ކަމަށް ސައެންސްވެރިން ލަފާކުރީ 1976 ވަނަ އަހަރުއެވެ. ރައީސް ޖެރާލްޑް ފޯޑްގެ މުޝީރުން ލަފާ އެރުވީ ވެކްސިންގެ ދުވެލި އަވަސް ކުރުމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރާ ވެކްސިން ތަޖުރިބާކުރަމުންދާ އިއާން ހޭޑަން/ފޮޓޯ: ޓްވިޓާ

ސަރުކާރުން ވެކްސިންގެ މަޝްރޫއު ފެށީ އެންމެ 7 މަސްދުވަހުގެ ތެރޭގައެވެ. 40 މިލިއަނެއްހާ މީހުންނަށް ވެކްސިންދިނެވެ. ނަތީޖާއަކަށް ވީ، ނާރުތަކުގެ ނިޒާމަށް ޖެހޭ ބައްޔެއްގެ ބަލިމަޑުކަން ފެންމަތިވުމެވެ.

ކަން މިހެން އޮތްއިރު، ވެކްސިނެއް އުފެއްދުމަށް މާޒީގައި ކުރި މަސައްކަތްތަކަށް ބަލާއިރު، ދުވެލި އަވަސް ކޮށްގެން މައްސަލަތަކެއް ކުރިމަތިވެފައި ހުރިކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.