ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ ހަރުކަށި އަމުރުތަކާއެކު އެންމެ ގިނަ ބައެއްގެ އެކުވެރިއަކަށް ވި "ޒޫމް"އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ، 350 ޕަސެންޓް އިތުރުވެއްޖެއެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އާ އާންމު ހާލަތު ފެތުރެމުންދާ ވަރަކަށް، ކުންފުނިތަކުން ޒޫމްއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާއިރު، ޒޫމްއަށް ލިބުނު ފައިދާގެ އަގުވެސް 10 ގުނަ އިތުރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކެލިފޯނިއާގައި މަރުކަޒުކޮށްގެން ހިންގާ ވީޑިއޯ ކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑާ، ޒޫމްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި 185.7 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މީގެ އަހަރު ދުވަސް ކުރީގެ މި މުއްދަތާ އަޅާ ބަލާއިރު 3300 ޕަސެންޓް އިތުރު އަދަދެކެވެ. މި މުއްދަތުގައި ލިބުނު އާމްދަނީގެ އަގު 663.5 މިލިއަނަށް އަރާފައިވާއިރު، މިއީ 355 ޕަސެންޓްގެ އިތުރުވުމެކެވެ.

ޒޫމް ކުލާހުގައި ޓީޗަރަކަށް އަމާޒުކޮށް ބުލީކުރަމުންދިޔަ މަންޒަރު ގެ ސްކްރީން ގްރޭބެއް/ފޮޓޯ: އިންޑިއާ ޓުޑޭ

ޒޫމްއަށް ލިބުނު މާލީ ފައިދާގެ ރަނގަބީލާއެކު، އެކުންފުނީގެ ހިއްސާގެ އަގުތައްވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން ހިއްސާގެ ބާޒާރުގައި ޒޫމް ކުންފުނީގެ އަގު ވަނީ، 28 ޕަސެންޓް އުފުލިފައެވެ.

ދެވަނަ ކުއާޓަރުގައި ލިބުނު ބޮޑު ކުރިއެރުމާއެކު، މިއަހަރު ދުވަހު އެކުންފުންޏަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަށްވެސް އެ ކުންފުނިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މި އަހަރު ޒޫމްއަށް ލިބޭ އާމްދަނީ އުޅޭނީ 2.37 ބިލިއަން ޑޮލަރާއި 2.39 ބިލިއަން ޑޮލަރާ ދެމެދު އަގެއްގައި ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މިއަދަދު އުޅޭނެ ކަމަށް މީގެ ކުރިން ލަފާކޮށްފައި އޮތީ 1.775 ބިލިއަން ޑޮލަރާއި 1.8 ބިލިއަން ޑޮލަރާ ދެމެދުގައެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު މިއަހަރުގެ ދެވަނަ ކުއާޓަރު ނިންމާލިއިރު، ކޯޕަރޭޓް ކަސްޓަމަރުންގެ ގޮތުގައި 370000 ފަރާތަކުން ޒޫމް ބޭނުން ކުރަމުންދިޔަ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 460 ޕަސެންޓް އިތުރު އަދަދެކެވެ.

ޒޫމްއިންވަނީ އެކުންފުނީގެ އިންޑިއާ ބްރާންޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 3 ގުނަ އިތުރު ކުރާނެ ކަން ހާމަކޮށްފައެވެ.