ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ 2 މެމްބަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާތަކެއް ފެންމަތި ކުރައްވާ، މަގާމުން އެކަހެރި ކުރައްވާ، އެ މެމްބަރުންގެ މައްސަލަ އެންޓި-ގްރާފްޓް ވޮޗްޑޯގްއިން ކުރިއަށް ގެންދިއުމަށް، ސައުދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާނު އަމުރު ކުރައްވާފައި ވާ ކަމަށް، ސައުދީގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ޝާހީ ގަރާރެއްގެ ދަށުން ވަޒީފާއިން އެކަހެރި ކުރައްވާފައިވަނީ، ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އަރަބިއްޔާގެ ކޯލިޝަންގެ ކޮމާންޑަރު ކަމުގެ މަގާމުގައި ހުންނެވި އަމީރު ފަހްދު ބިން ތުރުކީ ބިން ޢަބްދުލްޢަޒީޒު އަލް ސައުދުއާއި، އޭނާގެ ދަރިކަލުން އަދި އަލް-ޖޫފް ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވި އަމީރު ޢަބްދުލްޢަޒީޒު ބިން ފަހްދު ކަމަށް ޚަބަރު ލިބެއެވެ.

ޝާހީ އާއިލާގެ މެމްބަރުންތަކެއް އިސް ވަޒީފާތަކަކުން އެކަހެރި ކުރެވިފައި މިވަނީ، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)، ސައުދީގެ އެންޓި-ކޮރަޕްޝަން ކޮމިޓީއަށް މައްސަލައެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ. މިމައްސަލައަކީ، ދިފާއީ ވުޒާރާގައި "ތުހުމަތު ކުރެވޭ" މާލީ މުއާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރައްވާ، އިތުރު ތަހުގީގަށް އެމްބީއެސް ހުށަހެޅުއްވި މައްސަލައެއް ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލާގައި، އަސްކަރިއްޔާގެ އިތުރު 4 އޮފިސަރަކާ ދެކޮޅަށްވެސް ތަހުގީގު ހިންގާ ކަމަށް ޚަބަރު ލިބެއެވެ.

މިއީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ، ސައުދީގެ ޝާހީ އާއިލާއިން ކޮންޓްރޯލް ކުރަމުންދާ ސަރުކާރުން އެޅި މިފަދަ އެންމެ ފަހުގެ ފިޔަވަޅެވެ. ކޮރަޕްޝަން ނައްތާލެއްވުމަށް ކަމަށް ވިދާޅުވެ އެމްބީއެސް އަޅުއްވަމުން ގެންދަވާ މި ފިޔަވަޅުތަކަކީ، ސައުދީގެ ރަސްކަން ކަށަވަރު ކުރެއްވުމަށް ކުރިމަތިވެދާނެ ހުރިހާ "ހުރަހެއް ހަވާސާ ކުރެއްވުމަށް" އޭނާ ޖައްސަވާ ސްޓަންޓެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.