ރ. މަޑުއްވަރީގައި ގާއިމް ކުރާ އައިސް ޕްލާންޓްގެ މަސައްކަތް ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޒަހާ އެހެން ވިދާޅުވެފައި ވަނީ މަޑުއްވަރީގައި އިންޑިޔާ ސަރުކާރުގެ އެހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ލަސްވަނީ ކީއްވެތޯ އަދި އައިސް ޕްލާންޓުގެ މަސައްކަތް ނިމި، ހިދުމަތް ލިބެން ފަށާނީ ކޮން ތާރީހެއްގައިތޯ މަޑުއްވަރީ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ އެ ރަށުގައި އައިސްޕްލާންޓެއް ގާއިމުކުރުމަށް ވީއެމްއެން ކޮމްޕެނީ ޕވޓ. ލޓޑ. އާއި އެކު އެގްރިމެންޓެއްގައި ސޮއި ކުރީ 13 ނޮވެމްބަރު 2019 ގައެވެ.

އެގޮތުން އެމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވާނީ މާޗު 31، 2020 ގެ ނިޔަލަށް 140 ދުވަސް ތެރޭ މަސައްކަތް ނިންމުމަށް ކަމަށް ޒަހާ ވަނީ ވިދާޅުވެފައެވެ.

4.1 މިލިއަން ރުފިޔާގެ އެ މަޝްރޫއު، އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ އެ މަސައްކަތް އަވަސްކުރުމަށް އެކި ފެންވަރުގައި މަސައްކަތް ކުރި ނަމަވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން އެ މަސައްކަތް ނިންމުމަށް ބޭނުންވާ މާލީ ގާބިލުކަން ވެސް އެކުންފުނީގައި ނެތްކަމަށެވެ. އަދި އޮގަސްޓު 13 ގައި، އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވި ގޮތުގައި އެ އެއްބަސްވުން ބާތިލު ކުރުމާއި ހަމަޔަށް ނިމިފައިވާ މަސައްކަތްތަކަކީ އީއައިއޭ ގެ މަސައްކަތްތަކާއި ފައުންޑޭޝަންއާއި ވަށާ ފާރުގެ މަސައްކަތެވެ.

އެގޮތުން ބާކީ ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އައިސްޕްލާންޓް ޕްރީފެބް އިމާރާތާއި އައިސްޕްލާންޓާއި ގުޅުންހުރި އެހެނިހެން މެޝިނަރީއާއި ޖެނެރޭޓަރުގެ މަސައްކަތް ކަމަށް ޒަހާ ވަނީ ފާހަގަކުރައްވާފައެވެ.

ޒަހާ ވިދާޅުވީ މިހާރު އެރަށުގެ އައިސްޕްލާންޓުގެ މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ކުންފުންޏަކާއި ގުޅިގެން ކަމަށެވެ. އަދި އައިސްޕްލާންޓަކީ ރާއްޖެއިން ބޭރުން ވަކި ހާއްސަ ގޮތަކަށް ތައްޔާރުކޮށްގެން ރާއްޖެއަށް ގެނެސްގެން ހަރުކުރަން ޖެހޭ އެއްޗަކަށްވާތީ އެ މަސައްކަތް ނިންމަން މަދުވެގެން 120 ދުވަސް ބޭނުންވާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

އެގޮތުން މިހާރު އެ މަސައްކަތް ދައުލަތުގެ ފައިސާ އިން ހަރަދުކޮށްގެން ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ޒަހާ ވަނީ ވިދާޅުވެފައެވެ.