ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުން ޒަހާ ވަހީދު ވަކިކޮށް، ރައީސް އޮފީހަށް ބަދަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހާ ވަކިކުރެއްވިކަން ރޭ އޭނާއަށް އަންގަވާފައިވާ އިރު، ރައީސް އޮފީހުގެ މިނިސްޓަރަކަށް ބަދަލުކުރާކަންވެސް ވަނީ އަންގަވާފައެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ރަސްމީކޮށް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.

އެ މަގާމުން ޒަހާ ރޭ ވަކިކޮށްފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިދާޅުވެފައި ވަނީ ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ބޭއްވި އެ ޕްރެސްގައި ސަރުކާރުގެ ތެރެއިންނާއި ބޭރުން ފާހަގަ ކުރެއްވޭ ކަންތައްތައް ހުރިކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ ކެބިނެޓަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކޯލިޝަން ޕާޓްނަރުންނާއެކު ރައީސް ސޯލިހް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެ މަޝްވަރާތައް ނުނިމޭ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރުކަމުން އެމްއާންރުއެމްއަށް ނިސްބާވާ ޒަހާ ރޭ ވަކި ކުރައްވާފައި ވީ ނަމަވެސް، އެ މިނިސްޓްރީ ހިންގެވުމަށް އަދި މިނިސްޓަރަކު އައްޔަން ކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިޝަރީޒް މިނިސްޓަރަކަށް ދެން ހަމަޖައްސަވާނީ މިހާރު އެންވާރަމަންޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އޭނާ އަކީ ޖޭޕީގެ މެންބަރެކެވެ.

ޒަހާ މަގާމުން ވަކިކޮށްފައި ވާއިރު މިދިޔަ މަހު ވަނީ، 11 މެންބަރުންގެ ސޮޔާ އެކު މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެސް ވައްދާފައެވެ. އިދިކޮޅުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށެވެ.

އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ނުދީ، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި، ދިވެހި އިގްތިސޯދުގެ ރޫފަހެޔޮ ނުކުރެވި، މަސްވެރިކަމުގެ ސިނާއަތުން ފައިދާ ނުނެރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައި ނުދެވޭކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމާ ގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުމުގެ ޒިންމާ މިނިސްޓަރު ޒަހާ އަދާ ނުކުރެވޭތީ އެމަގާމުގައި އޭނާ ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެން ދާނެ ކަމެއް ކަމަށްވެސް އެ ކޯލިޝަނުން ހުށަހެޅި މައްސަލައިގައި ވެއެވެ. ނަމަވެސް އެ މައްސަލައިގައި ސޮއިކޮށްފައިވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސޮއި އަނބުރާ ނެންގެވުމުން މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.