ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ.

ޒަހާ ވަހީދު މަގާމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޒަހާ ފިޝަރީޒް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ މިއަހަރުގެ މޭއި މަހުގެ ތެރޭގައެވެ.

މޭއި މަހު ޒަހާ ފިޝަރީޒް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އިރު މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި 11 މެމްބަރުންގެ ސޮޔާއެކު ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާފައެވެ. އިދިކޮޅުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށެވެ.

ރައީސް ސޯލިހާއި މިނިސްޓަރު ޒަހާ/ ފޮޓޯ: ރައީސް އޮފީސް

ޒަހާ އަކީ ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ ވަޙީދު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ވަޙީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް ކޯޑިނޭޝަން ސަރވިސްގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ވޙީދު ފުރުއްވާފައިވެއެވެ.

ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ