ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު އިސްތިއުފާދެއްވާފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ އިސްތިއުފާދެއްވާފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ބަޔާނުގައި މަގާމުގައި ހުންނަވާ ޒަހާ ކުރެއްވި މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރުކަމުން ޒަހާ އިސްތިއުފާދެއްވިއިރު މިދިޔަމަހު ވަނީ، 11 މެމްބަރުންގެ ސޮޔާއެކު ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާފައެވެ. އިދިކޮޅުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށެވެ.

ޒަހާ އިސްތިއުފާދެއްވާފައިވަނީ މިއަދު އެ މަގާމަށް ކުރީގަ އެންވަޔަރަމަންޓް މިނިސްޓަރުކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު އައްޔަންކޮށްފައި ވަނިކޮށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒަހާއަށް ފޯނުން ގުޅުއްވާ ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވިކަމުގެ އަޑު ވަނީ އިއްޔެ ފެތުރިފައެވެ. ނަމަވެސް ޒަހާ ވަކިކުރެއްވިކަމެއް ރައީސް އޮފީހުން އޭރު ކަށަވަރުކޮށްދީފައެއް ނުވެއެވެ.