ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރިހަމަ އިތުބާރު ޒަހާ އަށް އޮތް ކަމަށާއި މަސްވެރިކަމުގެ ދާއިރާ އާއި މަސްވެރިންނަށް އަދި ގައުމަށް ޒަހާ ހިދުމަތް ކުރައްވަމުން ގެންދަވަނީ ވަރަށް ފުރިހަމަ ގޮތެއްގައި ކަމަށެވެ.

ރައީސް މައުމޫން އެފެދައިން ވިދާޅުވެފައި ވަނީ 11 މެންބަރުންގެ ސޮޔާ އެކު މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަޖިލީހަށް ވެއްދުމާ ގުޅިގެންނެވެ.

އިދިކޮޅުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށެވެ.

އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި، ދިވެހި އިގްތިސޯދުގެ ރޫފަހެޔޮ ނުކުރެވި، މަސްވެރިކަމުގެ ސިނާއަތުން ނުރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައި ނުދެވޭކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުމުގެ ޒިންމާ މިނިސްޓަރު ޒަހާ އަދާ ނުކުރެވޭތީ އެކަމަށް އެމަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނޭކަމެއްކަމަށްވެސް އެ ކޯލިޝަނުން ހުށަހެޅި މައްސަލައިގައިވެއެވެ.