ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތައިލޭންޑްގައި ދުންފަތް ބޭނުންކޮށްގެން ވެކްސިނެއް އުފައްދައިފިއެވެ.

ތައިލޭންޑްގެ ޗުލާލޮންގްކޯން ޔުނިވާސިޓީގެ އިންފެކްޝަސް ޑިޒީޒް ޑޮކްޓަރެއް ކަމަށްވާ، ތިރަވާތު ހެމަޗުއްދާ ވިދާޅުވީ، ސަރަހައްދީ ފެންވަރުގައި ތަރައްގީ ކުރި ވެކްސިން، ޖަނަވާރުގެ ހަށިގަނޑުގައި ޓެސްޓު ކޮށްފައިވާއިރު، އެދެވޭ ނަތީޖާތަކެއް ލިބިފައިވާކަމަށެވެ.

ތައި ރެޑް ކްރޮސް އެމާޖިންގް އިންފެކްޝަސް ޑިޒީޒް ހެލްތް ސައެންސް ސެންޓަރުގެ އިސްވެރިޔާ ޑރ ހެމަޗުއްދާ ވިދާޅުވީ، އެންމެ ފަހުން އުފެއްދި ވެކްސިނަކީ ވައިރަހުގެ ޑީއެންއޭއާއި ދުންފަތް "އެއްކޮށްގެން" ތަރައްގީ ކޮށްފައިވާ ވެކްސިނެއް ކަމަށެވެ. ދުންފަތް ގަހުން ކޮވިޑް-19ގެ ޑީއެންއޭއަށް އިޖާބަ ދީ، ހަފުތާއެއްހާ ދުވަސް ފަހުން ޕްރޮޓީންސް އުފައްދާ ދޭ ކަމަށް ޑރ ހެމަޗުއްދާ ވަނީ ވާކާލާތު ކުރައްވާފައި ކަމަށް، ބެންކޮކް ޕޯސްޓާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ވެކްސިން އުފައްދަނީ ދުންފަތުން އުފެދޭ ޕްރޮޓީންސްއިން ކަމަށާ، މިހާތަނަށް ރާމާ މަކުނާ މީދަލުގެ ހަށިގަނޑުގައި މި ވެކްސިން ޓެސްޓު ކޮށްފައިވާ ކަމަށް ތައިލޭންޑުން ބުނެއެވެ. ދެން އޮތީ އިންސާނުންގެ ހަށިގަނޑުގައި ތަހުލީލު ކުރުމުގެ މަރުހަލާއެވެ.

ތައި ރެޑް ކްރޮސް އެމާޖިންގް އިންފެކްޝަސް ޑިޒީޒް ހެލްތް ސައެންސް ސެންޓަރުގެ އިސްވެރިޔާ ޑރ ތިރަވާތު ހެމަޗުއްދާ/ފޮޓޯ: ބެންކޮކް ޕޯސްޓް

ޑރ ހެމަޗުއްދާ ވިދާޅުވީ، މި ޕްރޮޓީންސް އުފައްދަނީ ހާއްސަ ބާވަތެއްގެ ދުންފަތަކުން ކަމަށާ، މިއީ ސިނާއީ ފެންވަރެއްގައި ވިސްނާއިރު، އުފައްދަން ފަސޭހަ، ޖީބަށް ލުއި މަޝްރޫއެއް ކަމަށެވެ. އަދި މި ވެކްސިނަކީ، ޕޭޓަންޓްގެ މައްސަލަ ޖެހޭނެ ވެކްސިނެއް ނޫންކަމަށްވެސް ޑރ ހެމަޗުއްދާ ވަނީ ވިދާޅުވެފައެވެ.

އާންމުންގެ މެދުގައި ދުންފަތާ މެދު ދެކެވެމުން އައިސްފައިވަނީ ސިއްހަތަށް ގެއްލުން ހުރި މާއްދާއެއްގެ ގޮތުގައެވެ. އަދި މިއީ ބައިނަލްއަގުވާމީ ފެންވަރުގައި އެއްވެސް ފަރާތަކުން ލައިސަންސް ދޫކޮށްފައިވާ ވެކްސިނެއްކަން ސާފެއް ނުވެއެވެ. ހަމަ އެހެންމެ، މި ވެކްސިނާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާކަންވެސް ފާހަގަކުރަންޖެހެއެވެ.