ފާއިތުވީ ދެތިން މަހެއްހާ ދުވަހު ޕާކިސްތާނަށް ކުރި މޫސުމީ ވިއްސާރާގައި އެގައުމުން މަރުވި މީހުންގެ އަދަދު 125 އަށް އަރާ، އިތުރު 71 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން އާންމު ކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ހައިބަރު ޕަހްތުންހްވާ ޕްރޮވިންސްއިން 43 މަރު، ސިންދްއިން 34 މަރު، ބަލޫޗިސްތާންއިން 17 މަރު، ޕަންޖާބުން 14 މަރު އަދި ގިލްގިޓް ބަލްތިސްތާންއިން 11 މަރަކާ، ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިން 6 މަރެއް ވަނީ ރިޕޯޓް ކޮށްފައެވެ.

މޫސުމީ ވިއްސާރާގައި ޕާކިސްތާނުން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 59 ފިރިހެނަކާ، 13 އަންހެނުންގެ އިތުރުން، 53 ކުޑަކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

މޫސުމީ ވިއްސާރައާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 951 ގެއެއް މުޅިން ހަލާކުވެފައިވާއިރު، 356 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް 410 ޓަނުގެ ކާބޯތަކެތި ފޯރުކޮށްދީފައެވެ. މީގެ އިތުރުން 14985 ވަގުތީ ޓެންޓާ، 2956 ރަޖާގެ އިތުރުން، 2200 މަދިރިގެވެސް ފޯރުކޮށްދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކޮންމެ އަހަރަކުވެސް ހޫނު މޫސުމާ ދިމާކޮށް، ޕާކިސްތާނު ސަރަހައްދަށް ކުރަމުންދާ ގަދަ ވިއްސާރައިގެ އަސަރު އެތައް ސަތޭކަ ހާސް ބަޔަކަށް ކުރެއެވެ.