ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްވިޓާގައި މިހާތަނަށް އެންމެ ގިނަ ލައިކް ލިބުނު ޓްވީޓްގެ ހައްގުވެރިއަކީ، "ބްލެކް ޕެންތާ" ޗެޑްވިކް ބޯޒެމަން ކަން ޓްވިޓާއިން ކަށަވަރު ކޮށްދީފިއެވެ.

ކެންސަރު ބަލީގައި 4 އަހަރު ދުވަހު އުޅުމަށްފަހު އިއްޔެގެ ވަގުތެއްގައި މި ދުނިޔެއާއި ބޯޒެމަން ވަކިވިކަން ހާމަކުރި ޓްވީޓަކީ މިހާތަނަށް އެންމެ ގިނަ ލައިކް ލިބިފައިވާ ޓްވީޓްކަން ފާހަގަކޮށް، ޓްވިޓާ ކުންފުނިންވެސް ވަނީ ޓްވީޓެއް ކޮށްފައެވެ.

ބޯޒެމަންގެ އެކައުންޓްއިން، އޭނާގެ ކަޅާ ހުދުގެ ތަސްވީރަކާއެކު މަރުގެ ޚަބަރު އިއުލާންކުރި ޓްވީޓް ވައިރަލް ވެގެންދިޔައީ އިންތިހާ ހަލުވި މިނެއްގައެވެ. ޓްވިޓާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ޓްވީޓްއަށް 5.7 މިލިއަނަށްވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ.

މިއާ އެންމެ ގާތް ކުރާ އަދަދަކަށް ލައިކް ލިބިފައިވަނީ، ނެލްސަން މަންޑޭލާގެ ބަސްފުޅަކަށް ރިއާޔަތް ކުރައްވާ، އެމެރިކާގެ މަގުބޫލު ރައީސް ބަރާކް އޮބާމާ 2017 ވަނަ އަހަރު ކުރެއްވި ޓްވީޓްއަކަށެވެ. މި ޓްވީޓަށް ލިބިފައިވަނީ 4.3 މިލިއަން ލައިކްއެވެ.

އުމުރުން 43 އަހަރުގައި ބޯޒެމަން މި ދުނިޔެއާއި ވަކިވެ ދިއުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުން ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ހިތާމަ ފާޅުކޮށް، އޭނާގެ ހަނދާންތައް އާ ކުރަމުންނެވެ.