ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކުރީކޮޅު އެންމެ ނުރައްކާ ދަރަޖައަކަށް ދިޔަ އެއް ގައުމު ކަމަށްވާ ފަރަންސޭސިވިލާތުން، މާޗް މަހު ފަހު ފުރަތަމަ ފަހަރަށް އަނެއްކާވެސް ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކޮށްފިއެވެ.

ހުކުރު ދުވަހު އެކަނިވެސް އެގައުމުން 7379 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ފަރަންސޭސިވިލާތުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 267077 އަށް އަރާފައެވެ. މިހާތަނަށް ފަރަންސޭސިވިލާތުން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސް ރެކޯޑް ކުރީ، ބަލިމަޑުކަމުގެ ފުރަތަމަ ރާޅުގެ ތެރޭގައި، މާޗް 31 ވަނަ ދުވަހުއެވެ. އެ ދުވަހު ފަރަންސޭސިވިލާތުން ވަނީ 7578 ކޭސް ރެކޯޑް ކޮށްފައެވެ.

ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ކޭސް އިތުރުވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދާ މަރުވާ މީހުންގެ އަދަދު އެއް ހަމައެއްގައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށާ، އެހެނީ އާ ކޭސްތަކުގައި ގިނައީ ޒުވާނުން ކަމަށް ވުމުން ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ފަރަންސޭސިވިލާތުން ހުކުރު ދުވަހު 20 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑް ކޮށްފައިވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 30596 އަށް ވަނީ އަރާފައެވެ.

މާޗް މަހަށް ފަހު ފުރަތަމަ ފަހަރަށް ފަރަންސޭސިވިލާތުން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައިވާއިރު، ރައީސް އިމެނުއަލް މެގަގޯން ވަނީ، އަނެއްކާވެސް ގައުމީ ފެންވަރުގައި ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ހުކުރު ދުވަހުގެ ރެކޯޑްތައް އާންމު ކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން މެގަގޯން ވިދާޅުވީ، ކޭސްތައް ކޮންޓްރޯލް ނުވެ، އިތުރުވާނަމަ ލޮކްޑައުންއަކަށް ދިއުމަށް އޮތް ފުރުސަތު އުވާލެވެން ނެތް ކަމަށެވެ. ނަމަވެސް، ގައުމުގެ އިގުތިސޯދު އަނެއްކާވެސް ނުރައްކަލެއްގެ ތެރެއަށް ވައްޓާލަނިވި ހަރުކަށި ފިޔަވަޅުތަކާ ވީހާވެސް ދުރުގައި އުޅެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ފުރަތަމަ ރާޅާއެކު ފަރަންސޭސިވިލާތުގައި ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފެށީ މެއި މަހުއެވެ. މަރުހަލާތަކަށް ބަހާލައިގެން ލުއި ދެމުން ދިޔަ ނަމަވެސް، ވެރިރަށް ޕެރިސްވެސް ހިމެނޭ ގޮތަށް ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދިޔަ ކަން ފާހަގަކުރަންޖެހެއެވެ.

މި ދަނޑިވަޅަކީ، ވިލާތުގެ އެހެން މަންޒިލްތަކުންވެސް ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަމުންދާ ދަނޑިވަޅެކެވެ. ޖަރުމަނުވިލާތާ ސްޕެއިންވެސް ރެކޯޑް އަދަދަކަށް ކޭސްތައް ރިޕޯޓް ކުރަމުންދާއިރު، ވިލާތުގައި އަނެއްކާވެސް ކޮވިޑް-19ގެ ރާޅުބާނީއެއް އުފެދިދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ)އިން ވަނީ ދީފައެވެ.