މާވެލް ސުޕާހީރޯ ފިލްމް ފްރެންޗައިޒްގެ "ބްލެކް ޕެންތާ" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި، އެމެރިކާގެ ޒުވާން އެކްޓަރު އަދި ޕްރޮޑިއުސަރު ޗެޑްވިކް ބޯޒެމަން މަރުވެއްޖެއެވެ.

އުމުރުން 43 އަހަރުގެ ޗެޑްވިކް ބޯޒެމަންގެ އާއިލާއިން ހާމަ ކުރި ގޮތުގައި، ލޮސް އެންޖަލީސްގައި އޭނާ މަރުވެދިޔައީ ކެންސަރު ބަލީގައެވެ. މި ބައްޔަށް އޭނާ ފަރުވާ ހޯދަމުންދާތާ 4 އަހަރު ވެފައިވާކަމަސް ޚަބަރު ލިބެއެވެ. ނަމަވެސް، އޭނާއަކީ ކެންސަރު ބަލީގެ ޕޭޝަންޓެއްކަން، ބޯޒެމަން ދުވަހަކުވެސް ހާމަކޮށްފައެއް ނުވެއެވެ.

ބޯޒެމަންގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، "މާޝަލް"، "ޑަ ފައިވް ބްލަޑްސް" އަދި "މާ ރެއިނީޒް ބްލެކް ބޮޓޮމް" ފަދަ ފިލްމުތަކުގައި އޭނާ މަސައްކަތް ކޮށްފައިވަނީ ގުނާ އަދަދު ނުކުރެވޭހާ ގިނަ ސާޖަރީތަކާ، ކީމޯތެރަޕީ ސެޝަންތަކުގެ ތެރެއިން ކަމަށެވެ.

ފިލްމީ ދުނިޔޭގެ ރާޑަރަށް ބޯޒެމަން އެންމެ ފުރަތަމަ އެރީ، ހަގީގީ ތަރިންގެ ރޯލުތައް ފިލްމުތަކުގައި އަދާކޮށްގެންނެވެ. އެގޮތުން 2013 ވަނަ އަހަރުގެ ފިލްމް "42" ގައި އޭނާ އަދާކުރި ބާސްކެޓްބޯޅަ ލެޖެންޑް ޖެކީ ރޮބިންސަންގެ ރޯލާ، 2014 ވަނަ އަހަރުގެ ފިލްމް "ގެޓް އޮން އަޕް" ގައި އޭނާ އަދާކުރި މިއުޒީޝަން ޖޭމްސް ބްރައުންގެ ރޯލު ފާހަގަކުރެވެއެވެ.

ފިލްމީ ދާއިރާގައި ދޭ އެވޯޑްތަކެއްވެސް ބޯޒެމަން ވަނީ ހާސިލުކޮށްފައެވެ. މި އެވޯޑްތައްވެސް އޭނާ ހާސިލުކޮށްފައިވަނީ، ފިލްމީ ސިނާއަތަށް އިންގިލާބެއް ގެނެސްދިން ފިލްމެއްގެ ގޮތުގައި ސިފަކުރަމުން އަންނަ "ބްލެކް ޕެންތާ" ގައި އޭނާ އަދާކުރި ރޯލުންނެވެ.

ބޯޒެމަންގެ އެންމެ ފަހުގެ އެއް މަސައްކަތް ކަމަށްވާ "މާ ރެއިނީޒް ބްލެކް ބޮޓޮމް" ރިލީޒް ކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.