ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަބާވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

އިމްރާން ކުރެެއްވި ޓުވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެމެދު ވަރަށް ބޮޑު ފަރަގެއްވާ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ކަނޑައަލާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވާން މިނިސްޓަރު އިމްރާނު ވަނީ ގޮވާލައްވާފައެވެ.

އިމްރާން އެހެން ވިދާލުވެފައިވަނީ މިއަދު އިދކޮޅުން ކޯލިޝަނުން އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް މާލޭގައި ސައިކަލް ބުރެއް ބާއްވާފައި ވަނިކޮށެވެ.

ފުލުހުން ވަނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން އެސަވިސްއަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމާއި ގުޅިގެން އެސާވިސްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދުގެ މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައިނުވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.