ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ޓިކެޓް، މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް "ރަސްމީކޮށް" ބަލައިގަންނަވައިފިއެވެ.

ވައިޓް ހައުސްގައި ކުރިއަށްދިޔަ ހާއްސަ އިވެންޓެއްގައި ޓިކެޓް ގަބޫލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ، އޭނާއަކީ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ހިންގަވާނެ ލީޑަރުގެ ގޮތުގައި އަމިއްލަ ނަފްސު ތަސްވީރުކޮށްދެއްވާފައެވެ.

ކަންމިހެން އޮތްއިރު، ސިޔާސީ ބޭނުމަކަށް ވައިޓްހައުސްގެ ބޭނުން ހިފިދާނެ ކަމާ މެދު، ފާޑުކިއާ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ނަސްލީ ތަފާތު ކުރުންތަކާ ގުޅިގެން ހިންގަމުންދާ އެކި ހަމަނުޖެހުންތަކުގައި، ޓްރަމްޕާ ދެކޮޅަށް ވަރުގަދަ ރޫހެއް، އެމެރިކާގައި އުފެދިފައިވާ ޑަނޑިވަޅެކެވެ.

ރިޕަބްލިކަން ޕާޓީގެ ޓިކެޓް ގަބޫލުކުރެއްވުމަށް ހާއްސަ އިވެންޓް ކުރިއަށްދިޔައިރުވެސް ވައިޓްހައުސް ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި ޓްރަމްޕްގެ ތަގުރީރުގެ އަޑުކަނޑުވާލުމުގެ މަގުސަދުގައި، އެކި ގޮތް ގޮތުން މުޒާހަރާގެ ބައިވެރިން އަޑުގަދަ ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ، ނައިބު ޕެންސްއާ ދެކޮޅަށް ނިކުންނަވަނީ ކުރީގެ ނައިބު ރައީސް، އަދި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަދި ރަނިންގް މޭޓް، ސެނެޓާ ކަމަލާ ހެރިސްއެވެ.

ތަގުރީރު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވަނީ ބައިޑަންއަށް ބޮޑެތި ފާޑުވިދާޅުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ބައިޑަންއަކީ އެމެރިކާގެ ރޫހު ދަމަހައްޓާ ދޭނެ ލީޑަރެއް ނޫންކަމަށާ، ބައިޑަން ވެގެންދާނީ އެމެރިކާގެ "ހަލާކަށް" ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. އިންތިހާބުގައި ބައިޑަންއަށް ކުރި ލިބިއްޖެނަމަ، އެމެރިކާގެ ހާލަތު ގޯސްވެގެންދާނެ ކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.