ދުނިޔެއާ ދިމާއަށް ގިނިހިލައެއް ދަތުރު ކުރަމުން އަންނަ ކަމަށާ، ދުނިޔެއާ އެންމެ ގާތުން މި ގިނިހިލަ ދަތުރުކުރާނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓަށް 1 ދުވަހަށް ވެފައި ވަނިކޮށް، ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ކަމަށް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) ގެ ސެންޓާ ފޮ ނިއާ އާތް އޮބްޖެކްޓް ސްޓަޑީޒްއިން ހާމަކޮށްފިއެވެ.

ކެލިފޯނިއާގައި ހުންނަ ޕަލޯމާ އޮބްޒަވޭޓަރީއިން މި ގިނިހިލަ ހޯދާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މި ގިނިހިލައަށް ދީފައިވާ ނަމަކީ 2018ވީޕީ1 އެވެ.

ނާސާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ގިނަހިލަ ދުނިޔޭގައި ޖެހުމަށް އޮތީ 0.41 ޕަސެންޓް ފުރުސަތެކެވެ.

2018ވީޕީ1 އާ ގުޅިގެން ނާސާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މިއީ ގާތްގަނޑަކަށް 6.5 ފޫޓުގެ ގިނިހިލައެއް ކަމަށާ، މި ގިނިހިލައިގެ ސަބަބުން ދުނިޔެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. ދުނިޔެ ތެރެއަށް މި ގިނިހިލަ ވަތް ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ ވައިގެ ފަށަލަ ހިމެނޭ ސަރަހައްދުން މި ގިނިހިލަ ކުނޑިކުނޑި ވާނެ ކަމަށް ސައެންސްވެރިން ބުނެއެވެ.