ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ހާއްސަކޮށް ތަރައްގީ ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން، ތަހުލީލީ މަރުހަލާއެއްގައި އޮތް ވެކްސިނެއް، މިދިޔަ ޖުލައި މަހުން ފެށިގެން ޗައިނާއިން ދެމުންދާކަން ހާމަވެއްޖެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑީއާއިން ރިޕޯޓްކުރާ ގޮތުގައި، ތަހުލީލީ މަރުހަލާގައި އޮތް މި ވެކްސިން ދޭން ފަށާފައި ވަނީ، ކޮވިޑް-19 ޖެހުމުން ފުރާނައަށް ނުރައްކާވާނެ ކަމަށް ބެލެވޭ ހައި ރިސްކު ކެޓަގަރީގެ މީހުންނަށެވެ.

ޗައިނާގެ ދައުލަތުގެ މީޑީއާއަށް، ނޭޝަނަލް ހެލްތް ކޮމިޝަންގެ އޮފިޝަލު، ޝެންގް ޝޮންގްވެއި ދެއްވި ބަސްދީގަތުމަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނީ، ޗައިނާގެ އަމާޒަކީ، ވަކި ގުރޫޕެއްގެ މީހުންގެ މެދުގައި ބައްޔަށް ދިފާއު ވަރުގަދަ ކުރުމެވެ. މި ގުރޫޕުތަކުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނާ، ކާބޯތަކެތީގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނާ، ދަތުރުފަތުރާ އެނޫންވެސް ހިދުމަތުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުން ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ޝެންގް ވިދާޅުވީ، ކުއްލި ހާލަތުގައި ވެކްސިން ބޭނުން ކުރުމުގެ މަޝްރޫއަކީ ކުރިއަށް އޮތް ޚަރީފު މޫސުމާ، ފިނި މޫސުމުގެ ދުވަސްވަރު، ބަލިމަޑުކަމުގެ ހުޅުފަޅައިގެން ހިނގައިދާނެ ކަމަށްޓަކައި ދުރާލާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. ޝެންގް އަކީ، ކޮވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތަރައްގީ ކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ޓީމުގެ އިސްވެރިޔާއެވެ.

ބައެއް ގައުމުތަކުން ވަނީ، ތަޖުރިބާގެ މަރުހަލާގާއި ޗައިނާއިން ވެކްސިން ދޭން ފަށާފައިވާއިރު އެކަމަށް ފާޑުވެރި ނަޒަރަކުން ރިއާޔަތް ކުރަން ފަށާފައެވެ. އެގޮތުން މި ވެކްސިން ސްކީމްގައި ބައިވެރިވާ މީހުންނަށް ވިސާ ދޫކުރުމަށް އިންކާރު ކުރުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

ޚަބަރު ލިބޭ ގޮތުގައި 2 ޝޮޓެއް އެކުލެވޭ ގޮތަށް ޗައިނާއިން ތަރައްގީ ކުރަމުންދާ ކޮވިޑް-19ގެ ވެކްސިން ކިޓެއްގެ އަގު 144 ޑޮލަރަށްވުރެ ބޮޑެއް ނުވާނެއެވެ.