މިއަދުގެ ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު، އިތުރު 194 މީހަކު ޕޮޒިޓިވްވެ، 97 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ އެކަނި ވެސް 194 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، 97 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 167 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 16 މީހަކާއި އިންޑިއާގެ 7 މީހަކާއި ލަންކާ މީހަކާއި ނޭޕާލް މީހަކާއި ތައިލެންޑް މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6564 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 4012 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 191 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 3 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިހާރު މިބަލި ޖެހިފައިވާ 2527 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 166 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1398 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 25 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 5 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 21 ރަށެއްގައެވެ. އަދި 10 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 4 ފަތުރުވެރިންނާއި 13 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.