މަކަރާއި ހީލަތުގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކުރީގެ މުޝީރު ސްޓީވް ބެނަން ހައްޔަރުކޮށް، ދައުވާ އުފުލައިފިއެވެ.

ބެނަން ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ފާރު ބިނާ ކުރުމަށް ހިންގި ކޭމްޕޭނުގެ ފަންޑަށް ހިޔާނާތްތެރިވި މައްސަލާގައި ކަމަށް ޚަބަރު ލިބެއެވެ.

މި ފަންޑުގެ ތެރެއިން ބެނަންއަށް 1 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށާ، އެއިން ބައެއް، ބެނަންގެ ޒާތީ ޚަރުދުތަކަށް ހޭދަ ކޮށްފައި ވާ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

ބެނަންއާ ދެކޮޅަށް އުފުލި ދައުވާއަށް ބެނަން ވަނީ އިންކާރު ކޮށްފައެވެ. އަދި ކަފާލާތުގެ ދަށުން އޭނާ މިހާރު ހުރީ މިނިވަން ކޮށްފައި ކަމަށްވެސް ޚަބަރު ލިބެއެވެ.

ބެނަންއަކީ ޓްރަމްޕްގެ އަރިސް އޮފިޝަލުންގެ ގޮތުގައި ކުރިން މަސައްކަތް ކުރި ފަރާތްތަކުގެ ތެރެއިން އެ މީހަކާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލުނު 6 ވަނަ އޮފިޝަލެވެ.

ބެނަންގެ ހައްޔަރުކޮށް ދައުވާ ކުރާ މައްސަލައާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، "ވީ ބިލްޑް ދަ ވޯލް" ގެ ނަމުގައި ހިންގި ކެމްޕޭންގައި ޓްރަމްޕްގެ ހިއްސާއެއް ނުވާނެ ކަމަށެވެ.

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ ހިޖުރަވެރިން ހުއްޓުވުމުގެ ނަމުގައި، މެކްސިކޯއާއި އެމެރިކާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ފާރެއް ބިނާ ކުރެއްވުމަކީ 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ޓްރަމްޕް ބޭނުން ކުރެއްވި އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. އަދި މި ފާރު ބިނާ ކުރުމަށް ހިނގާ ޚަރަދުގެ އަގު އަދާ ކުރާނެ ބަޔަކީ މެކްސިކޯ ކަމަށްވެސް ޓްރަމްޕް ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް، 2 ވަނަ ދައުރަކަށް ވެރިކަން ކާމިޔާބު ކުރުމުގެ މަސައްކަތްތަކުގެ ސުންގަޑި ހަމަވަމުންދާއިރު، އަދިވެސް ޓްރަމްޕްގެ ވައުދުފުޅުތައް ފުރިހަމަވެފައެއް ނުވެއެވެ.