ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމުގެ އެންމެ މަތީ މަގާމަށް ވަޑައިގެންނެވި އިރު، ރާއްޖެ އޮތީ ކޮރަޕްޝަނުގެ ހާއްޔަކަށް ވެފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ. ދައުލަތް ހިންގުމުގެ ތިން ބާރުގެ އެންމެ ފުނަށް ކޮރަޕްޝަނުގެ މޫ އޮތީ ފައިބައިފައެވެ. އެގޮތުން ދިވެހި ރައްޔިތުންގެ މާލިއްޔަތުން ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި އިރު، މިނިވަން މުވައްސަސާތައް ވެސް އޮތީ ގަދަ ނިންޖަކުން ނިދާފައެވެ.

އެކަމަކު މިއަދު މި ވަނީ އެކަން ބަދަލުވާ ފަށައިފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރެވެން ފެށިއްޖެއެވެ. އަދި ކޮރަޕްޝަނުގައި ޖެހިފައިވާ މީހުން މަޑުމަޑުން ނަމަވެސް ދަނީ ހާމަވަމުންނެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައި މިހާރު ހުކުމްތައް ވެސް އަތުވެއްޖެއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސަތަކީ ސުރުހީގައި ފާހަގަ ކޮށްފައިވާ، ކޮރަޕްޝަނަށް ގެންގުޅޭ ޒީރޯ ޓޮލަރެންސް ޕޮލިސީ އެވެ. އެ ޕޮލިސީގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ބައެއް ކަންކަން ކުރެވިގެން ދާ މަންޒަރުތައް ފެނިއްޖެއެވެ.

އެގޮތުން އެމްއެމްޕީއާރުސީ މައްސަލައިގެ ތުހުމަތު އަމާޒުވުމާ އެކު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ ބޭފުޅުން މަގާމުން ސަސްޕެންޑްކޮށް، އެ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި، އެ ބޭފުޅުންގެ ކުށެއް ނެތް ކަން ހާމަވަންދެން ގޭގައި ބޭތިއްބެވުމަކީ، ދިވެހިރާއްޖޭގެ ފަހުގެ ސިޔާސީ ތާރީހުގައި ފާހަގަ ކޮށްލެވޭ ފަދަ ވަރުގަދަ ފިޔަވަޅެކެވެ.

އޭގެ ފަހުން ކޮވިޑް އާ ގުޅިގެން ހެލްތުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުތަކާއި އެކު އޮޑިޓާ ޖެނަރަލް ނެރުއްވި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބޮޑެތި ގޯސްތަކެއް ފާހަގަ ކުރުމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުން ވެސް ރައީސް ސޯލިހުގެ ޒީރޯ ޓޮލަރެންސް ޕޮލިސީ އަކީ ތޯތޯ އެއްޗެއް ނޫން ކަން ހާމަވެއްޖެއެވެ. ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް 62 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހެލްތުން ހޭދަ ކުރިކަން ފަޅާ އެރުމާ އެކު، މިނިސްޓަރު އަމީން އަމިއްލަ އަށް ޒިންމާ ތަކުން ދުރުވެވަޑައިގަނެއްޖެއެވެ. އަދި ބިޑް ކޮމިޓީ އާއި ސޮއި ކުރި ވެރިން މިހާރު އެ ތިބީ އެ މައްސަލަ ބަލާ، ވަކި ގޮތެއް ނިމެންދެން ސަސްޕެންޑް ކޮށްފައެވެ.

މިއީ މީގެ ކުރިން ރާއްޖޭގައި ފެނުނު މަންޒަރުތަކެއް ނޫނެވެ. އަދި އޮޑިޓް އޮފީސް ފަދަ މިނިވަން މުވައްސަސާ ތަކުން މިހާ ހީވާގި ކަމާ އެކު ކަންކަން ބަލައި، ރިޕޯޓްތައް ނެރެން ފެށުމުން ވެސް، ސަރުކާރުން އެފަދަ މައްސަލަތައް ފޮރުވުމަށް ނުފޫޒު ނުފޯރުވާކަން ހާމަވެއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ވެސް ގޯސްތައް ފާހަގަވުމުން އެކަން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

ހެލްތުގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ މައްސަލަ އޭސީސީ އާއި ފުލުހުން ގުޅިގެން ބެލުމަށް އަންގާފައި ވާއިރު، މިފަދަ މައްސަލަތައް ބެލުން މިހާރަށް ވުރެ ހަލުވި ކަމާ އެކު ކުރިއަށް ގެންދަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ހާއްސަކޮށް އޭސީސީން މައްސަލަތައް ބެލުމުގައި ލަސްތަކެއް ހުރި ކަމަށް ބުނެ، އެ ކަންކަމުގެ ކަންބޮޑުވުންތައް މަޖިލީހުގެ މެމްބަރުން ވެސް ގެންދަވަނީ ފާޅުކުރަމުންނެވެ.

ކުރީގެ ސަރުކާރުން ހިންގި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އެކުލަވާލައްވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތްތަކުގައި ވެސް ލަސް ކަމެއް އުޅޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެކަމަކު މިހާރު އެ ކޮމިޝަނުގެ ރިޕޯޓް އެކުލަވާލައި ނިމި، އެ ރިޕޯޓް ރައީސް އަށް ވަނީ އަރުވައިފައެވެ. އެހެންކަމުން އެ ކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވީހާ ވެސް އަވަހަކަށް، ބާރު ސްޕީޑުގައި އަޅަމުން ގެންދާތަން ފެނުމަކީ ދިވެހިންގެ އުންމީދެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެކަމާ ގުޅިގެން ރައީސް އެޅުއްވި ބައެއް ފިޔަވަޅުތައް:

އެމްއެމްޕީއާރުސީ ހިޔާނާތަކީ މި ފަހުގެ ތާރީހުގައި ހިންގާފައި އޮތް އެންމެ ބޮޑު ހިޔާނާތެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭސީސީން އާއްމުކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ 155 މީގެއްގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ ވަދެފައި ވާކަމަށާ 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް:

ރައީސް ޔާމީންގެ ޖުމްލަ 3 މައްސަލައެއް މިހާރު ކޯޓުގައި ކުރިއަށް އެބަ ދެއެވެ. އެގޮތުން، ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައި ވާއިރު، މި މައްސަލައިގެ އިސްތިއުނާފު މިހާރު ހައި ކޯޓުގައި ކުރިއަށް އެބަ ދެއެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝަވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީސް ވަނީ، ޔާމިން ޖޫރިމަނާ ކޮށްފައި ވާ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގާފައި ވީ ނަމަވެސް އެ މުއްދަތުގެތެރޭގައި ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެފައެވެ. އެގޮތުން ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް ފޮނުވާފައިވާނެ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެއެވެ.

ރައީސް ސޯލިހު ކުރެއްވި ވައުދަށް އަނެއްކާ ވެސް ނަޒަރެއް:

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށް ރައީސް ވަނީ މީގެ ކުރިން އެތައް ފަހަރެއް މަތިން ވިދާޅުވެފައެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު. ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ މި ވައުދުފުޅާ އެއްގޮތަށް ރައީސް ކަންކަން ކުރައްވާކަން ފާހަގަ ކުރެވެއެވެ. މުއައްސަސާތަކުގެ އެކިއެކި ގިންތީގައި ތިއްބެވި ވެރިންގެ އަތްމަތިން ކޮރަޕްޝަނުގެ އަމަލުތައް ހިނގަމުން ދާކަން ހާމަ ވުމުން ރާއީސް ގެންދަވަނީ ފިޔަވަޅު އަޅުއްވަމުންނެވެ. ތަހުގީގީ އިދާރާތައް މެދުވެރި ކުރައްވާ އެފަދަ މުައްސަސާތައް "ސާފު ކުރައްވައި ރައްޔިތުންގެ އިތުބާރު" އުފައްދަވަމުންނެވެ.