ޑޮނާލްޑް ޓްރަމްޕަކީ އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ރަނގަޅު މީހެއް ނޫން ކަމަށް ވިދާޅުވެ، އެމެރިކާ ދުށް އެންމެ މަގުބޫލު ރައީސްގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ ކުރީގެ ރައީސް ބަރާކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ، ބަހުގެ ވަރުގަދަ ހަމަލާއެއް ދެއްވައިފިއެވެ.

މިފަދަ ރޫހެއްގައި މިޝޭލް އޮބާމާ ވާހަކަދައްކަވާފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި މިހާރު އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާ ކުރީގެ ރައީސް ރައީސް ޖޯ ބައިޑަންއާ އެ ޕާޓީގެ ޓިކެޓް ހަވާލު ކުރުމަށް ކުރިއަށް ގެންދާ ވާޗުއަލް ކޮންވެންޝަނަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

މިޝޭލް އޮބާމާގެ ފަރާތުން މިފަދަ ވަރުގަދަ ހަމަލާއެއް އަމާޒުވެގެންދިޔަ ޑިމޮކްރަޓިކް ކޮންވެޝަންގައި، ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ތެރެއިން ޓްރަމްޕާ ގަޔާނުވާ މެމްބަރުން ތިބި ކަމަށް ޚަބަރު ލިބެއެވެ.

މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ނުރައްކާ، އެމެރިކާއަށް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅަކަށް ވާއިރު ޑިމޮކްރަޓުންގެ ކެންޑިޑަސީ އިއުލާން ކުރުމުގެ ހަފުލާ ކުރިއަށް ގެންދަނީ އެހެން އަހަރުތަކާ ހިލާފަށް އޮންލައިން ޕްލެޓްފޯމެއްގައެވެ.

ޑިމޮކްރަޓުންގެ ކޮންވެންޝަނަށް ދެއްވި ވީޑިއޯ މެސެޖުގައި ޓްރަމްޕަށް ހަމަލާ އަމާޒު ކުރައްވަމުން، އެމެރިކާގެ ގިނަ ބައެއްގެ ލޯބި ހޯއްދެވި ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އެމެރިކާގެ އިގުތިސޯދު ސުންނާފަތި ވެފައިވާކަމަށާ، އެ ހާލަތަށް ގައުމު ވެއްޓެން ޖެހުނީ، ބަލިމަޑުކަމުގެ ކުރީކޮޅުގައި، މިއީ މާ ބޮޑު ކަމެއްގެ ގޮތުގައި ޓްރަމްޕް ދެކެވަޑައި ނުގެންނެވުމުގެ ސަބަބުން ކަމަށެވެ.

ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ސަރުކާރުން ފެންނަނީ ހަމްދަރުދީ ގެއްލި، ކޮންމެވެސް ކަހަލަ ހަމަނުޖެހުން ބޮޑު ހައިޖާނެއް އުފެދިފައިވާ މަންޒަރު ކަމަށާ، ފާއިތުވީ 4 އަހަރުގެ ވާހަކަތައް ކުދިންނަށް ކިޔައިދޭންވެސް ދަތިވެފައި ވާ ކަމަށް މިޝޭލް އޮބާމާ ވިދާޅުވިއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ކަށަވަރު ކުރަން ފައި ވިއްދަވައިގެން ހުންނެވި ޓްރަމްޕާ ދެކޮޅަށް ނިކުންނަވަނީ ބަރާކް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސް ކަމުގެ ޒިންމާ އަދާކުރެއްވި ޖޯ ބައިޑަންއެވެ. ބައިޑަންގެ ރަނިންގް މޭޓަކަށް ހަމަޖައްސަވާފައިވަނީ ސެނެޓާ ކަމަލާ ހެރިސްއެވެ.