އައްޑޫ ސިޓީ ހިތަދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެމީހާއަކީ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ކޮވިޑަށް ޓެސްޓު ކުރި މީހެއް ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މީއީ އައްޑޫ ސިޓީން ޕޮޒިޓިވްވި 5 ވަނަ މީހާއެވެ. އަދި ހިތަދޫން ޕޮޒިޓިވްވި 4 ވަނަ މީހާއެވެ.

އައްޑޫ ސިޓީން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައި ވަނީ މިމަހުގެ 8 ވަނަ ދުވަހެވެ. އެއީ އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަަރަންޓީނުގައި ހުރި ފުލުހެކެވެ. އެއަށްފަހު މި މަހުގެ 9 ވަނަ ދުވަހު ވަނީ ހިތަދޫން އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ބިދޭސީއަކާއި ދިވެއްސެކެވެ. އަދި ހަތަރު ވަނަ މީހާ ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެއީ އަންހެނެކެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލައިރު މިހާތަނަށް 5679 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 14 ރަށެއްގައެވެ. އެއީ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ހދ.ކުރިނބި، ފ. ނިލަންދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.

މީގެ އިތުރުން އެކްޓިވް ކޭސްތައް އުޅޭ ރަށްރަށުގެ ލިސްޓަށް މިވަނީ، ނ. މިލަދޫ، ކ. ހިންމަފުށި އަދި އދ. މާމިގިލި ވެސް އަރާފައެވެ.