ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، އެ ބަލިން ރަނގަޅުވިތާ 3 މަސް ހަމަ ނުވާނަމަ، މެދުވެރިވާ ހާލަތަކާ ގުޅިގެން އަލުން އަނބުރާ ކަރަންޓީނަށް ދާން ނުޖެހޭނެ ކަމަށާ، އަދި ޓެސްޓު ކުރަންވެސް ނުޖެހޭ ކަމަށް ބަޔާންކޮށް، އެމެރިކާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ކަރަންޓީން ގައިޑްލައިނަށް ބަދަލު ގެނެސްފިއެވެ.

ކަން މިހެން އޮތް ނަމަވެސް، މީގެ މާނައަކީ ބަލި ޖެހި، ރަނގަޅުވެފައިވާ މީހުންނަކީ 3 މަސްދުވަހަށް އިމުއުނިޓީ ނުވަތަ ދިފާއު ލިބިފައިވާ ބައެއް ކަން ކަށަވަރު ވުން ނޫން ކަމަށްވެސް ސީޑީސީން ވަނީ ބުނެފައެވެ.

ބަލިން ރަނގަޅުވިތާ 3 މަސް ހަމަ ނުވާނަމަ، މެދުވެރިވާ ހާލަތަކާ ގުޅިގެން އަލުން އަނބުރާ ކަރަންޓީނަށް ދާން ނުޖެހި ޓެސްޓުވެސް ކުރަން ނުޖެހެނީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ކަމަށާ، ނަމަވެސް ބަލީގެ އަލާމާތްތައް ފެންނަން ފަށާ، އެ ފަދަ އަލާމާތްތަކެއް ފެންނަންޖެހޭ އިތުރު ސަބަބެއް ނެތް މީހުން ކަރަންޓީނަށް ދާންޖެހޭނެ ކަމަށާ، ޓެސްޓުވެސް ކުރަންޖެހޭނެ ކަމަށް ސީޑީސީން ބުނެއެވެ.

މިފަދަ ނިންމުމެއް ނިންމަން ޖެހުނީ، ސައެންސްގެ އަލީގައި ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ރިއާޔަތް ކޮށް ކަމަށް ސީޑީސީން ބުނެއެވެ. އެގޮތުން، ބަލިޖެހި، 3 މަސްދުވަސް ވާއިރުވެސް ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ޓެސްޓުތަކުން ދައްކާ ކަމަށާ، ނަމަވެސް މިފަދަ ފަރާތްތަކަކީ އެމީހުންގެ ކިބައިން އިތުރު ބަޔަކަށް ބަލި ފަތުރާ ބައެއް ނޫންކަމަށް ސީޑީސީން ބުނެއެވެ. އަދި މިއީ އެއްވެސް ހާލެއްގައި އިމުއުނިޓީ ކަށަވަރު ކޮށްދިނުން ނޫން ކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

ސީޑީސީން ބުނާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަކީ، ބަލީގެ އަލާމާތްތައް ފެންނަން ފަށާ ދުވަހުން ފެށިގެން އެންމެ މަދުވެގެން 10 ދުވަހުގެ މުއްދަތެއް އައިސޮލޭޝަންގައި ހޭދަކުރަންޖެހޭނެ ބައެކެވެ. އަދި އެއްވެސް ބޭހަކާ ނުލާ ހުން ވިހެލާތާ އެންމެ މަދުވެގެން 24 ގަޑިއިރު ހަމަވަންދެކަށް އައިސޮލޭޝަންގައި މަޑުކުރަންޖެހޭނެ ކަމަށްވެސް ސީޑީސީން ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19އާ ގުޅޭ ދިރާސާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި، ހަލުވިކަމާއެކު ކުރިއަށްދާއިރު، މިމައުލޫމާތުތަކަކީ އަވަސް އަވަހަށް ބަދަލުވުންވެސް އެކަށީގެންވާ މައުލޫމާތުތަކެކެވެ.