ފ.ނިލަންދޫގައި ހޯމް ކަރަންޓީންގައި ހުރި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ޕޮޒިޓިވް ވެފައިވަނީ އުމުރުން 30 އަހަރާއި 43 އަހަރުގެ ދިވެހި 2 ފިރިހެނުން ކަމަށެވެ.

އަދި އެކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންތައްތައް ނިމެންދެން އެރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ރަށްތަކުގައި ހޯމް ކަރަންޓީނު ވެގެން ތިބޭ ބައެއް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. ހަމައެއާއެކު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު އިތުރު ވަމުން ދާއިރު އިއްޔެ އެކަނި ވެސް 128 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 83 ދިވެހިން ހިމެނެއެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލައިރު މިހާތަނަށް 5494 މީހަކު ޕޮޒިޓިވްވެ، 2920 މީހުން ބަލިން ރަނގަޅުވެފައިވާއި 22 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.