ހަފުތާ ބަންދުގެ ފެށުން މިއައީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި އިސްރާއީލާ ދެމެދު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަށް މަގު ތަނަވަސްކޮށްދޭނެ އެއްބަސްވުމަކަށް އައި ޚަބަރާއެކުގައެވެ.

މި އެއްބަސްވުމާއެކު ޔޫއޭއީ ވެގެންދާނީ އިސްރާއީލާއެކު މިފަދަ "ފުރިހަމަ" ޑިޕްލޮމެޓިކް ގުޅުމެއް ބަދަހި ކުރާ ފުރަތަމަ ގައުމަށް ކަމަށްވެސް ބުނެވެއެވެ.

މިފަދަ އެއްބަސްވުމަކަށް އައިސްފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ، އިސްރާއީލުގެ ޚުދުމުޚުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި އަބޫދާބީގެ ވަލީ އަހުދު ޝައިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންއާ 3 ވެރިންގެ މެދުގައި ކުރިއަށް ގެންދެވި ފޯނު ކޯލަކަށް ފަހުގައެވެ.

ވައިޓްހައުސް އިން ބުނާ ގޮތުގައި މި އެއްބަސްވުމަކީ، އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ އެނެކްސްގެ ގޮތުގައި ހިސޯރު ކުރުމަށް އިސްރާއީލު ހިފާފައިވާ އަމާޒަށް ނިމުން ގެނުވާނެ އެއްބަސްވުމެއް ވެސް މެއެވެ.

3 ވެރިންގެ ބައްދަލުވުން ވައިޓްހައުސްއަށް

ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫއާއި ވަލީ އަހުދު އަލް ނަހްޔާން އާއެކު ވައިޓްހައުސްގައި މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށާ، ކުރިއަށް އޮތް 3 ވަރަކަށް ހަފުތާގެ ތެރޭގައި މިކަން ހަމަޖެހިގެންދާނެ ކަމަށެވެ. މި ބައްދަލުވުމަކީ އިސްވެ ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ރަސްމީ ކޮށް ސޮއި ކުރެވިގެންދާޏެ ބައްދަލުވުމެއް ކަމަށް މަުއލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު ޓްރަމްޕް ވަނީ، ޔޫއޭއީއަކީ އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރާ އަރަބި ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވާނެ ގައުމަށް ނުވެދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. މި ލިސްޓުގައި މީގެ ކުރިން ހިމެނުނީ މިސްރާ އުރުދުންއެވެ. ޓްރަމްޕް ވިދާޅުވީ އިތުރު ގައުމުތަކަކާއެކު ސުލްހައިގެ މުހިންމު މަޝްވަރާތަކެއް ކުރިއަށް ދާ ކަމަށާ، ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ބޮޑެތި ޚަބަރުތަކެއް ލިބިގެންދާނެ ކަމަށެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް

އދގެ އުއްމީދު

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ އިސްރާއީލާއި ޔޫއޭއީއާ ދެމެދު ގުޅުން ބަދަހިވެގެން ދިއުމަކީ، ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިސްރާއީލާ ފަލަސްތީނު އުފެދި، ދެމި އޮތުމަށް މަގުފަހި ކުރާނެ ކަމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގުޓެރޭޒްގެ ތަރުޖަމާނަކު ވިދާޅުވީ، ޔޫއޭއީއާއި އިސްރާއީލުގެ އެއްބަސްވުމަށް ސެކްރެޓަރީ ޖެނެރަލް މަރުހަބާ ވިދާޅުވާ ކަމަށާ، މިއީ ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކުރާނެ ފުރުސަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންގޮސް، ހަމަނުޖެހުންތައް ނައްތާލާ، ސުލްހަ ގާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި، ހުރިހާ ފަރާތްތަކަކާއެކު ސެކްރެޓަރީ ޖެނެރަލް މަސައްކަތް ކުރައްވާނެ ކަމަށްވެސް ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ.

އުރުދުންގެ ރޫހް

އުރުދުންއިންވެސް ބުނީ ޔޫއޭއީއާއި އިސްރާއީލުގެ ގުޅުން ބަދަހި ވެގެން ދާ ދިއުމަކީ، ހުއްޓުމަކަށް އައިސްފައިވާ މަޝްވަރާތައް އަލުން ހިންގައިގަނެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެކަން ވާން އޮތީ، 1967 ވަނަ އަހަރުގެ އަރަބް-އިސްރާއީލު ހަނގުރާމާގައި އިސްރާއީލުން އެ ބައެއްގެ އަތުން ބިންތައް ފޭރިގަތް ފަލަސްތީނަކީވެސް ވަކި، މިނިވަން ދައުލަތެއް ކަމަށް އިސްރާއީލުން ބަލައިގަންނަން ތައްޔާރަށް އޮތް ކަމުގައި ވަނީ ނަމަ ކަމަށްވެސް އުރުދުންއިން ވަނީ ފާހަގަކޮށްފައެވެ.

އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސާފާދީ ވިދާޅުވީ، މިއީ އިސްރާއީލުން ހިންގަމުންދާ އިސްތިއުމާރީ އަޅުވެތިކަމާ ހިސޯރުކުރުމުގެ ސަގާފަތަށް ނިމުމެއް ގެނައުމަށް އޮތް ފުރުސަތެއް ކަމުގައި އިސްރާއީލުން ދެކޭނަމަ، މިއީ ސަރަހައްދީ ސުލްހައާއި ދިމާލަށް ގެންދާނެ ކަމެއް ކަމަށެވެ.

އިސްރާއީލާއި ޔޫއޭއީގެ ޕީސް ޑީލް އާ ދެކޮޅަށް އަޑުއުފުލަނީ

ފަލަސްތީނުގެ ބަހަކީ ކޮބާ؟

ތަރުޖަމާނު މެދުވެރި ކުރައްވާ، ދެއްވި ބަޔާނެއްގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އިސްރާއީލާ އެކުވެރި އަރަބި އިމާރާތާ ދެމެދު ވެވުނު އެއްބަސްވުމާ ދެކޮޅު ހައްދަވާފައެވެ.

އައްބާސްގެ އިސް މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނަބީލް އަބޫ ރުދީނީ ވިދާލުވީ، 3-ފަރާތް ބައިވެރިވެގެން އިއުލާންކުރި ހައިރާން ކުރުވަނިވި ނިންމުމަކީ ފަލަސްތީނުގެ ލީޑާޝިޕުން ބަލައިގަންނާނެ ނިންމުމެއް ނޫން ކަމަށާ، އެ ނިންމުން ކުށްވެރި ކުރައްވާ ކަމަށެވެ.

އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި ހުންނަ އައްބާސްގެ މަރުކަޒީ އިދާރާ ކުރިމަތީގައި ހުންނަވާ، ބަޔާނެއް ވިދާޅުވަމުން އަބޫ ރުދީނީ ވިދާޅުވީ، މި ނިންމުމަކީ ގުދުސްއާ، އަލް-އަޤްޞާ އަދި ފަލަސްތީނުގެ ދައުވާ ބޭވަފާތެރިވި ނިންމުމެއް ކަމަށެވެ.

މި ބަޔާނުގައި ފަލަސްތީނުން ވަނީ، މި އެއްބަސްވުމާ ދެކޮޅު ހެދުމަށް އަރަބް ލީގާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ގޮވާލާފައެވެ. އަދި އެކުވެރި އަރަބި އިމާރާތާ އެނޫންވެސް އެހެން އެއްވެސް ބަޔަކީ، ފަލަސްތީނުގެ ރައްޔިތުންގެ ނަމުގައި ބަސް ބުނުމުގެ ހައްގު އޮތް ބައެއް ނޫންކަމަށްވެސް ފަލަސްތީނުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހުރިހާ ކޮޅަކުން ފިއްތާލާފައިވާ ގާޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ސިފަކުރި ގޮތުގައި މި އެއްބަސްވުމަކީ އިސްރާއީލުން ހިންގާ ޖަރީމާތަކުގެ ބަދަލުގައި، އިސްރާއީލަށް ދިން ހަދިޔާއެކެވެ.

އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް ބަދަހިކުރުމަށް ޔޫއޭއީއިން އެއްބަސްވި އެއްބަސްވުމަކީ، ފުރަގަހުން އައިސް ފަލަސްތީނުގެ ރައްޔިތުންގެ ބުރަކައްޓަށް ވަޅި ހެރުން ފަދަ އަމަލެއްގެ ގޮތުގައި ހަމާސްއިންވަނީ، މި ކަން ސިފަކޮށްފައެވެ.

އިސްރާއީލުގެ ސިފައިންގެ މީހަކު ފަލަސްތީނުގު ކުޑަކުދިންނަށް ބަޑިން ބިރުދައްކަނީ

އެއްބަސްވުމާއެކު ބިން ހިސޯރުކުރުން ހުއްޓުވިދާނެތަ؟

ފަލަސްތީނިއަން ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް އަދި ކޯ ފައުންޑާ މުސްތޮފާ ބަރުގޫތީ ވިދާޅުވީ، އިސްރާއީލާ ޔޫއޭއީއާއި ދެމެދު އޮތީ ހީނަރު ގުޅުމެއް ނޫން ކަމަށާ، އެންމެ ފަހުން މި އެކުލަވާލި އެއްބަސްވުމަކީ ނަތަންޔާހޫ ކުރިއަށް ގެންދާ ބިން ހިސޯރުކުރުމުގެ މަޝްރޫއަށް ހުއްޓުމެއް ގެނުވާނެ ކަމެއް ނޫން ކަމަށެވެ.

ޔޫއޭއީއާއި އިސްރާއީލާ ދެމެދު މިހާރުވެސް ގުޅުންތަކެއް ހިނގާ ކަމަށާ، ދެފަރާތުގެ މެދުގައި ހަމަނުޖެހުމެއް ނުހިނގާއިރު، ސުލްހައިގެ އެއްބަސްވުމެއްގެ ގޮތުގައި މިކަން ޕްރޮމޯޓް ކުރަންޖެހޭ ސަބަބެއްވެސް ނުވިސްނޭ ކަމަށް ބަރުގޫތީ ވަނީ ވިދާޅުވެފައެވެ.

ހަގީގީ މައްސަލަ އޮތީ ފަލަސްތީނުގައި ކަމަށާ، ހަގީގީ މައްސަލައަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އެނަލިސްޓެއް ކަމަށް އުމަރު ބައްދާރުވެސް ވިދާޅުވަނީ މިފަދަ ވާހަކައެވެ. އޭނާ ވިދާޅުވާ ގޮތުގައި އާދަޔާ ހިލާފު އެއްބަސްވުމެއްގެ ގޮތުގައި އެމެރިކާއިން ޕްރޮމޯޓްކުރަމުންދާ އިސްރާއީލު-ޔޫއޭއީ ސުލްހައިގެ ގުޅުމަކީ އެކަމުގައި، އާދަތާ ހިލާފު ނުވަތަ އިންގިލާބީ އެއްވެސް ބަދަލެއް އެކުލެވޭ ކަމެއް ނުނެވެ.

އިސްރާއީލުން ބިން ހިސޯރު ކުރުން ހުއްޓާލީ ނޫން ކަމަށާ، ބިން ހިސޯރުކުރުމުގެ އަމަލު ހިންގުން އިސްރާއީލުން ވަގުތީ ގޮތުން މަޑުޖައްސާލިއިރުވެސް ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވަނީ ޣައިރު ގާނޫނީ ގޮތެއްގައި ވެރިވެފައި ކަމަށާ، ޔޫއޭއީގެ ބަހަކަށް އިސްރާއީލުން މަޑުޖައްސާލީ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގު ބުނުމެއް ކަމަށް ބައްދާރު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ބަސް

"އަބްރަހަމް އެގްރީމަންޓް" ގެ ނަމުން ޓްރަމްޕް ނަންދެއްވި މި ސުލްހައިގެ އެއްބަސްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ފާޑުކިއަމުންނެވެ.

އީރާނުގައި ކުރިން ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ، އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް، ހާރިޖީ ގުޅުންތަކާ ބެހޭ ގޮތުން ލަފާ އަރުވާ ހާއްސަ މުޝީރުކަމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ހުސައިން އާމިރު-ޢަބްދުﷲ ހިއާން ވިދާޅުވާ ގޮތުގައި، މި އެއްބަސްވުމަކީ ސަރަހައްދަށް ސުލްހަ ގެނެސްދޭނެ އެއްބަސްވުމެއް ނޫނެވެ.

އަބޫދާބީގެ އަމަލުތަކަށް ދައްކާނެ އެއްވެސް ހުއްޖަތެއް ނެތްކަމަށާ، އަބޫދާބީން އެ ވަނީ އިސްތިރާޖީ ގޯހެއް ހަދާ، ފަލަސްތީނުގެ ދައުވާއަށް ފުރަގަސް ދީފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަހްރައިންގެ ވާހަކަ ތަފާތެވެ. ބަހްރައިންއިންވަނީ މި އެއްބަސްވުމަށް މަރުހަބާ ކިއާފައެވެ. އަދި މިއީ ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހާސިލުވި ތާރީހީ ކާމިޔާބީއެއް ކަމަށާ، މިއީ މެދުއިރުމައްޗަށް ސުލްހަ ގެނެސްދޭނެ ކަމެއް ކަމަށްވެސް ބަހްރައިން ބުނެއެވެ. ބަހްރައިންއިންވަނީ މިކަމުގައި އެމެރިކާއިން އަދާ ކުރަމުންދާ ދައުރަށްވެސް ތައުރީފު ކޮށްފައެވެ.

ނޮވެމްބަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ދެކޮޅަށް ނިކުންނަވާ ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންވެސް ވަނީ މިއީ ތާރީހީ ފިޔަވަޅެއް ކަމަށާ، މިކަމުގެ ސަބަބުން އިތުރު ހަމަޖެހުމާ ދިމާލަށް މެދުއިރުމަތި ގެންގޮސްދޭނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ކުރިއަށް އޮތް އިންތިހާބުގައި އެމެރިކާގެ ރިޔާސަތު ކަށަވަރު ކުރެވިއްޖެނަމަ، އިސްރާއީލުން ކުރިއަށް ގެންދާ ބިން ހިސޯރު ކުރުމުގެ ސަގާފަތަށް ތާއީދު ނޯންނާނެ ކަމަށްވެސް ބައިޑަން ވަނީ ފާހަގަކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފައެވެ. މިއީ ލިބިވަދައިގަންނެވި ހެޔޮ ޚަބަރެއް ކަމަށް ޖޯންސަންވަނީ ވިދާލުވެފައެވެ.