ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމަށް އިދިކޮޅު ކޯލިޝަނުން އެދިއްޖެއެވެ.
ހޯމް މިނިސްޓްރީން ބުނީ މަނީލޯންޑްރިންގެ ކުށުގައި 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ޔާމީން އަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދު ﷲ އާ ބައްދަލުކުރައްވާ ފައިވާ ކަމަށެވެ.
ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް، ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުން އެމަނިކުފާނަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވެފައިވާ ކަމަށް ވިޑާޅުވެފައެވެ. އަދި ސިއްހީ މައްސަލަތައް ދިމާވެފައިވާއިރު، ޖަލުގައި ހުންނެވުމުގެ ސަބަބުން ހިތުގެ ބައްޔެއް ޑިވެލޮޕްވެފައިވާ ކަމަށާއި، މައި ބަދައިގެ އޮޕަރޭޝަނެއް ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބޭސް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށާއި ސްޓްރެސްފުލް މާހައުލުތަކާ ދުރުގައި ހުންނެވުމަށް އަދި ސިއްހީ އެހީތެރިކަން ލިބޭ ތަނެއްގައި ހުންނެވުމަށް ވެސް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީސް ވަނީ ޔާމިން ޖޫރިމަނާކޮށްފައިވާ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގާފައިވީ ނަމަވެސް އެ މުއްދަތުގެތެރޭގައި ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފަި ނުވާ ކަމަށް ބުނެފައެވެ.
އެގޮތުން ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައިވާނެ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެއެވެ.