ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުތަކުގެ ތެރޭގައި ގުނާލެވޭ އިންޑިއާއިން އެގައުމުގެ ޓެކްސްގެ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން، މި ބަދަލުތައް ހާމަކޮށްދެއްވީ، އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއެވެ.

އިސްލާހީ ބަދަލުތަކާއެކު އިފްތިތާހު ކުރި ޓެކްސްގެ ނިޒާމަކީ ދެފުށް ފެންނަ ނިޒާމެއްގެ އިތުރުން، ތެދުވެރި އިހުލާސް ތެރިންގެ އަގު ވަޒަން ކުރާނެ ނިޒާމެއް ކަމަށް ޚަބަރު ލިބެއެވެ. މޯދީ ވަނީ މި ނިޒާމަކީ އިންޑިއާގެ ޓެކްސް ނިޒާމަކީ އިސްލާހު ކުރެވިފައިވާ، ލުއި ފަސޭހަ ނިޒާމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ އިތުރު ބާރެއްގެ ގޮތުގައިވެސް ސިފަކުރައްވާފައެވެ.

އިންޑިއާގެ ޓެކްސްގެ ނިޒާމަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތައް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ބޭއްތިއްބުމުގެ ބަދަލުގައި، ވީހާވެސް ލުއި ގޮތަކަށް އެކަމުން ސަލާމަތް ހޯދޭނެ ނިޒާމަކަށް ވާންޖެހޭ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ޓެކްސްގެ ނިޒާމަށް ގެނެވުނު އިސްލާހީ ބަދަލުތަކާއެކު، ޓެކްސްގެ އަގުތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 5 ލައްކަ ރުޕީޒްއަށްވުރެ ދަށުން ލިބޭ އާމްދަނީއަށް ދެން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެން ކެޓަގަރީތަކުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރުވެސް ވަނީ ކުޑަކޮށްފައެވެ.

އިންޑިއާއިން މިހާރު ދަނީ، އިހުލާސްތެރިކަމާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ބަދަލު ދިނުމުގެ ނިޒާމަކަށް ބަދަލުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިއީ މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިލާންޖެހިފައިވާ އެކި ކަހަލަ ތަކުލީފުތަކާއެކު ހީނަރުވެފައިވާ އިންޑިއާގެ އިގުތިސޯދު ނެގެހެއްޓުމަށް ކުރާ މަސައްކަތެކެވެ.