މިސީޒަންގެ ޗެމްޕިއަން ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ރޭ އިޓަލީގެ އެޓްލާންޓާއާ ފްރާންސްގެ ޕެރިސް ސެއިންޓް ޖެމައިން ޕީ.އެސް.ޖީ ބައްދަލުކުރި މެޗު 2-1 އަކުން ޕީއެސްޖީ ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެހެން ސީޒަންތަކާ ހިލާފަށް މި ސީޒަންގެ ގަދަ އަށެއް މެޗުތައް ކުޅެމުންދަނީ ޕޯޗުގަލްގެ ލިޒްބަންގައި ކުރިއަށްދާ ނޮކްއައުޓް މުބާރާތެއްގެ ގޮތުގައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ނޮކްއައުޓް ފުރަތަމަ މެޗުގައި 26 ވަނަ މިނެޓްގައި ލަނޑު ޖަހައިގެން ކުރި ހޯދީ +މި ސީޒަންގެ މުބާރާތުގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ދައްކާފައިވާ އެޓްލާންޓާއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަސަލިޗްއެވެ.
މިއާއެކު ދެން ވެސް އެޓްލާންޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެހެން ސީޒަންތަކެކޭ އެއް ގޮތަށް މިސީޒަންގައި ވެސް ޗެމްޕިއަންސް ލީގުގެ ތައްޓާ ހަމައަށް ނުދެވި ޕީއެސްޖީ ކަޓާނެ ކަމަށް ބެލެވުނެވެ. ހާއްސަކޮށް އެޓީމަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ނޭމާއަށް ލިބުނު ރަނުގެ ދެ ފުރުސަތު ގެއްލުވާލުމުން ޕީއެސްޖީއަށް ވަގުތު ކުޑަތަންވަމުން ދިޔައެވެ.
އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ކުޅެން ނިކުތް ޕީ.އެސްޖީގެ ކުޅަދާނަ ފޯވަޑް ކިލިއަން އެމްބާޕޭއާއެކު މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެން ދިޔައެވެ. އަދި ނަތީޖާއަކަށްވީ މެޗުގެ 90 މިނެޓް ހަމަވެ އިތުރުވަގުތުގައި ދިން މިނެޓްކޮޅުގައި ޕީއެސްޖީއިން ދެލަނޑު ޖަހާ 2-1 އަކުން މެޗު ކާމިޔާބުކުރުމެވެ.
މެޗުގެ 90 ވަނަ މިނެޓްގައި ނެއިމާ ނަގާދިން ހުރަހަކުން 1-1 ސްކޯ ހެދީ ޕީއެސްޖީގެ ޑިފެންޑަރު މާކިނޯސްއެވެ. އަދި މެޗުގެ 93 ވަނަ މިނެޓްގައި އެމްބާޕޭ ނަގާ ދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން 25 އަހަރަށް ފަހު ޕީއެސްޖީ ފަައިނަލަށް ގެންގޮސް ދިނީ އެރިކް މެކްސިމް ޗުޕޮމޮޓިންގްއެވެ.
އަންނަ އަންގާރަ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕީއެސްޖީ ވާދަ ކުރަން ޖެހޭނީ އާރްބީ ލެއިޕްޒިގްއާ އެތްލެޓިކޯ މެޑްރިޑްގެ ތެރެއިން ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި މޮޅުވާ ޓީމަކާއެވެ.