ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުނު 80 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ހަމައަށް ބޭރުގައި އުޅުނު 120 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި އަދި 80 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ޖުމްލަ 311 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ގޮސް، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަކަށް ކާފިއު އިއުލާނު ކުރީ އޮގަސްޓް 4، 2020 ބުރާށްފަތި ދުވަހުއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކައި، ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ދުއްވޭނެއެވެ.

އޭގެ އިތުރުން އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ކާފިއު އިއުލާން ކޮށްފައިވާ ވަގުތު ވަޒީފާ އަދާ ކުރާ ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އޮފީސް ކާޑު ބޭނުންކޮށްގެން ނުވަތަ ޔުނިފޯމު އަޅައިގެން ދާނަމަ އިސްތިސްނާ ވާނެއެވެ.