މި އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ޑިމޮކްރަޓުންގެ ޓިކެޓްގައި ނިކުންނަވާ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ ރަނިންގް މޭޓަކަށް، ސެނެޓާ ކަމަލާ ހެރިސް ހަމަޖައްސަވައިފިއެވެ.

މިއީ ރަނިންގް މޭޓުގެ މަގާމުން އޭޝިއާ-އެމެރިކާ ދަރިކޮޅުގެ ކަޅު ނަސްލުގެ އަންހެނަކު ފެނިގެންދާ ފުރަތަމަ ފަހަރެވެ. އިންޑިއާ-ޖެމެއިކާ ދަރިކޮޅަށް ނިސްބަތްވާ ކަމަލާ ހެރިސްއަކީ ބައިޑަންގެ ރަނިންގް މޭޓު ކަމަށް މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ އިއްތިފާގުވެފައެވެ.

ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ކަން ކުރައްވާފައިވާ، އަދި އެ ދާއިރާއިން ސެނެޓަރުގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ކަމަލާ ހެރިސް އަކީ އެމެރިކާގެ ފުލުހުންގެ ހިދުމަތަށް އިސްލާހީ ބަދަލު ގެނައުމަށް ފާޅުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރެކެވެ.

ވެރިކަމުގެ 2 ވަނަ ދައުރެއް ދިފާއު ކުރެއްވުމަށް ބައިޑަންއާއި ދެކޮޅަށް ނިކުންނަވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރަނިންގް މޭޓް އަދި މިހާރުގެވެސް ނައިބު ރައީސް މައިކް ޕެންސްއާއި ކަމަލާ ހެރިސްގެ ވަރުގަދަ ކުރިމަތިލުމެއް، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އޮންނާނެއެވެ.

މި ފަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަލާ ހެރިސް ވަނީ ޑިމޮކްރަޓުންގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ، ކަމަލާ ހެރިސް އެކަން ދޫކޮށްލެއްވިއެވެ. ޑިމޮކްރަޓުންގެ ޓިކެޓަށް މަސައްކަތް ކުރެއްވި ދުވަސްވަރު ކަމަލާ ހެރިސް ވަނީ ބައިޑަންއަށް ބޮޑެތި ފާޑުވިދާޅުވުންތަކެއްވެސް އަމާޒު ކުރައްވާފައެވެ.

ނަމަވެސް ދެ ބޭފުޅުން އެކުގައި ޓްރަމްޕާ ދެކޮޅަށް ނިކުންނަވަން ނިންމަވާފައިވާއިރު، ކަމަލާ ހެރިސް ވަނީ، ބައިޑަންއަކީ އެމެރިކާ އެކަތިގަނޑަކަށް ހައްދަވާ ދެއްވާނެ ރައީސްގެ ގޮތުގައި ސިފަކުރައްވާފައެވެ. ބައިޑަންއަށްވެސް ގެންދަވަނީ ކަމަލާ ހެރިސްއަށް ތައުރީފު ކުރައްވަމުންނެވެ.