ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރުގެ އިތުރުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު މަޖިލީހަށް ހާޒިރުކުރަން މިއަދު ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދަރަނީގެ ހިސާބުތައް އޮޅުން ފިލުވުމަށް ހުށަހެޅި މައްސަލަ މަޖިލީހުގެ މުޅި ކޮމިޓީއަކުން ދިރާސާކުރުމަށް ފާސްކޮށްފައެވެ. އެ ކޮމިޓީން ވަނީ ފިނޭންސް މިނިސްޓަރު އަމީރާއި ކުރީ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޖިހާދު އަދި މުނައްވަރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރާއި ޒިޔަތު މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ ދަރަނި ސާފުކުރުމާއި ބެހޭ ބަހުސްކުރިއަށް ދިޔައިރު ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ހިމަނާފައިވާ ގޮތަށް ލޯނުތަކާއި ގެރެންޓީތަކުގެ އަދަދު ދިމާ ނުވާ ކަމަށެވެ. އެގޮތުން މަޖިލީހަށް ލިބިފައި ނުވާ 3 ލޯނަކާއި 3 ގެރެންޓީއެއް ހިމެނޭކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

މަޖިލީހަށް މައުލޫމާތު ލިބިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވާ ލޯނުތަކަކީ ބްރިޖުގެ މަސައްކަތަށް ބޭންކް އޮފް ޗައިނާ އިން ނަގާފައިވާ 455 މިލިއަން ޔުއާންގެ ލޯނާއި ސަނީ ސައިޑް ބޮންޑް ހޯލްޑާސް އިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން އަބޫދާބީ ބޭންކުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނެވެ.

އަދި މަޖިލީހަށް ލިބިފައި ނުވާކަމަށް ނަޝީދު ވިދާޅުވާ ގެރެންޓީތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ސިލޯން ބޭންކުން ނެގި 16.1 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތާއި ހުޅުމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އޮސްޓާ ހޯލްޑިންގްސް އަށް ދޫކުރި 327.8 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތެވެ. އަދި ހުޅުމާލޭ ފޭސް 2 ގައި 1،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ނޮވެމްބަރު ޖީ ވިތް ނޭޖާ ލަންކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތު ހިމެނެއެވެ.