މަގުމަތީގައި މާސްކު ނާޅާ އުޅުނު 137 މީހަކަށް ނަސޭހަތްދީ، 62 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު މާސްކު ނާޅާ އުޅުނު 137 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 62 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ޖުމްލަ 1356 މީހަކަށް ނަސޭހަތް ދެވިފައި ވާ ކަމަށާއި 278 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މާސްކު ނާޅާ ނަމަ ޖޫރިމަނާގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޭރަށް ނިކުމެ އުޅޭއިރު އަޅަން ޖެހެނީ އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށެވެ.
ބޭރުގައި އުޅޭއިރު މާސްކު އެޅުމުން އިސްތިސްނާވާ ބަޔަކު އުޅެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކު އަޅާއި މާސްކު ނުނެގޭ މީހުންގެ އިތުރުން ކަސްރަތު ކުރުމަށް ނިކުމެ އުޅޭ ވަގުތު ކަސްރަތު ކުރާ މީހުންނެވެ.
މާސްކު އަޅާއިރު، މާސްކުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. އެއީ އަމިއްލަ ރައްކާތެރި ކަމަށްޓަކައި ހުރުން ލާޒިމް ސިފަތަކެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
މާސްކް އެޅުން މަޖުބޫރު ކޮށްފައި ވާއިރު، ޒަރޫރީ ބޭނުމަށް ނޫނީ ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.
މާސްކް ނާޅާ ބޭރުގައި އުޅޭ ނަމަ ޖޫރި މަނާ ކުރުމަށް ނިންމާފައި ވާއިރު، މާސް އެޅުން މަޖުބޫރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނެޝަނަލް ޓާސްކް ފޯހުގެ ބައްދަލުވުމުގައެވެ. އެގޮތުން މިކަން އާންމުކޮށް ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ އެހެން މީހުންނާއި ތިމާގެ ރައްކާތެރިކަމަށްޓަކައި މާސްކު އެޅުން މަޖުބޫރުކޮށް، ކޮންމެހެން ދާން ޖެހޭ ތަނަކަށް މެނުވީ ނުދިއުމާއި، ކޮންޓެކްޓްވާ މީހުންގެ އަދަދު މަދުކުރުމާއި އެކު ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.