މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީ ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައަށް އިންސާފު ނުލިބު ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ.

ހުރަސްތަކާ ދަތިތަކާ އެކުވެސް އެމައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލާ މިސަރުކާރުން ކުރިއަށް ގެންދާނެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ އާއިލާގެ އެދުމާ އެއްގޮތަށް އިތުބާރު ކުރެވޭ ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގުގެ ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ. ރިޟްވާން ގެއްލުނުތާ ފަސް އަހަރުފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.

އެކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި ހުސްނުއްސުއޫދު ވިދާޅުވީ ރިޟްވާން ރަހީނު ކުރުމަށް ފަހު މަރާލާފައި ކަމަށެވެ. އެކަން ކުރީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާ ޖަމާއަތުގެ ގޮފިން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައި ރިޟްވާން ގެއްލުވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ނަންތަކާއި ވަނަވަރު ހާމަކޮށްފައިވާ އިރު، މި މައްސަލައާއި ގުޅިގެން 14 މީހަކަށް ރާއްޖެއިން ނުފުރޭނެހެން ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.